ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކިޔޭގެ ޞިއްޙީ ދާއިރާގައި އެންމެފުޅާކޮށް ޚިދުމަތް ދެމުންގެންދާ ކުންފުންޏެއްކަމުގައިވާ ”އަޖެބާދެމް ހެލްތު ކެއަރ ގްރޫޕް“ގެ އިންޓަނޭޝަނަލް ބިޒްނަސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިސްޓަރ މުސްތަފާ ކަރަދެދޭ އާ ބައްދަލުކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރައިން ބުނީ، ތުރުކިޔޭގެ ވެރިރަށް އަންކާރާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އިއްޔެ ބޭއްވުނު ބައްދަލުވުމުގައި އަޖެބާދެމް ހެލްތު ކެއަރ ގްރޫޕްގެ އިންޓަނޭޝަނަލް ބިޒްނަސް ޑިޕާޓްމަންޓްގެ މެނޭޖަރު، މިސް ސިބާ ކާރު ވެސް ބައިވެރިވެވަޑައިގެންނެވިކަމަށެވެ.
މި ބައްދަލުވުމުގައި އަޖެބާދެމް ކުންފުނީގެ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި ”އަޖެބާދެމް“އާ ގުޅިގެން މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރެވިކަމަށެވެ.
އަޖެބާދެމް ހެލްތު ކެއަރ ގްރޫޕަކީ ތުރުކިޔޭގައި 24 ހޮސްޕިޓަލާއި، 15 މެޑިކަލް ސެންޓަރު ހިންގުމުގެ އިތުރުން ދުނިޔޭގެ ފަސް ޤައުމެއްގައި ޞިއްޙީ ޚިދުމަތް ދެމުންގެންދާ ކުންފުންޏެކެވެ.
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކިޔޭގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، ޢަބްދުލްވާރިޘް ސައީދު އާއި އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އާމިނަތު ޝަޒްލީ ސަލީމް ބައިވެރިވެވަޑައިގަތެވެ.

































