އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގައި ހިމެނޭ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދޭ ނޮން-ކޮންޓްރިބިއުޓަރީ ރިޓަޔަރމަންޓް ޢިނާޔަތްތައް ޖަނަވަރީ 1 އިން ފެށިގެން ހުއްޓާލުމަށް އިދާރާތަކަށް އެންގި އެންގުން ބާޠިލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ނިންމެވީ، ޑިސެމްބަރ 1، 2024 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ޚުދު އެމަނިކުފާނު ހުށަހެޅުއްވި މައްސަލައަށް ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައި ކަމަށް ރައީސްއޮފީހުން މައުލޫމާތުދެއްވާފައި ވެއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވައިވާ ގޮތުގައި، ސަރުކާރުން މިފަހުން، ރިޓަޔަރމަންޓް ޕެންޝަން ދިނުމުގައި ޢަމަލުކުރަމުންދާ ގޮތަށް ގެންނައި ބަދަލާ ގުޅިގެން، އެކިއެކި ފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ރައްޔިތުން ބޭނުންވާ ގޮތަކީ މި ވަގުތަށް މި ބާވަތުގެ ރިޓަޔަރމަންޓުގެ އެލަވަންސްތައް ކަނޑާލުން ނޫން ކަމަށް ދެކެވަޑައިގަންނަވާތީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކި މުއައްސަސާތަކަށް ފޮނުއްވާފައިވާ ސިޓީ ބާޠިލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ.
އެއާއެކު އައު މުސާރައިގެ އޮނިގަނޑަށް ބަދަލުވާ ފަރާތްތަކުގެ ރިޓަޔަރމަންޓް ޕެންޝަންގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދިޔުމަށާއި، އަދި އެ އޮނިގަނޑުގެ ތެރެއަށް ނުވަންނަ ފަރާތްތައް، އެ އޮނިގަނޑަށް ބަދަލުވުމާ ހަމައަށް، ރިޓަޔަރމަންޓް ޕެންޝަނާ ގުޅޭ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ.
ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މި މައްސަލަ އަށް ސަރުކާރު އަވަސްގޮތެއްގައި ފިޔަވަޅު އެޅުމަކީ ގިނަބައެއްގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑޫވުންތަކަށް ލިބިގެންދިޔަ ހިތްހަމަ ޖެހުމެއްކަމުގައި ވެގެންދާނެއެވެ.

































