އަންނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މަޝްރޫޢު ހިނގާނެ އަހަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ހަފްތާ 52 ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރަށް އަހަރެއްވުމާއި ގުޅިގެން ގެނެސްދޭ ”ހަފްތާ 52“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރަކީ ރާއްޖޭގެ ތާރިޚުގައި ދުވަހަކުވެސް ތަރައްޤީގެ މަޝްރޫޢުތައް ނުހިނގާ މިންވަރަށް ހިނގާނެ އަހަރެއްކަން ފެންނަން އެބައޮތްކަމަށެވެ. އަދި ދައުރުގެ ފުރަތަމަ އަހަރު ނިންމާލީ ވަރަށް ކާމިޔާޞުކޮށްކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ފުއްދަވައިދެއްވިކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން އަންބުއްރަހީމް ވިދާޅުވީ އެމަނިކުފާނު ޖައްސަވާ ސިޔާސީ ހިސާބުން، ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ފެހި ޤާނޫނު އަސާސީގެ ދަށުން ރިޔާސީ ދެވަނަ ދައުރެއް ފުރިހަމަކުރައްވާނެ ފުރަތަމަ ރައީސަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާނެކަމަށާއި އެމަނިކުފާނު ސިޔާސީ ހިސާބު ޖައްސަވަނީ ރާއްޖޭގެ ސިޔާސީ މަޞްރަޙު ވަރަށް ބޮޑަށް އެނގިވަޑައިގެންކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް، ކޮންމެ ރަށެއްގެ ސިޔާސީ ފިކުރާއި، ޢާންމު ރައްޔިތުންގެ ވިސްނުންތައް އެނގިވަޑައިގަންނަވާކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު، ފެނިވަޑައިގަންނަވަނީ ވަރަށް ކާމިޔާބުކޮށްކަމަށާއި ނަމަވެސް ގޮންޖެހުންތަކެއް އެބަ ހުރިކަމަށެވެ. ނަމަވެސް ގޮންޖެހުންތަކާއި ކުރިމަތިލައިގެން އަދި ފާޑުކިޔުންތަކާއިވެސް ކުރިމަތިލައިގެން ކާމިޔާބު ހޯދަން ފަސޭހަވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައްޔިތުންގެ ތާޢީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިތުރުވަމުންދާއިރު، ބައެއް ސިޔާސީ ލީޑަރުން ސިޔާސީ މަޞްރަޙުން ގެއްލިގެންދާތަން ފެނިވަޑައިގަންނަވާކަމަށާއި އެހެން ދިމާވަނީ އެ ސިޔާސީ ލީޑަރުން އުޅުއްވާ ގޮތަކުންކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

































