ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގެ އެއް އަހަރަށް ދެއްވާނީ ”ޔޫ ރިޕޯޓެއް“ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ ރާއްޖޭގެ މީޑިއާއެއް ކަމަށްވާ ޗެނެލް 13 އިން ގެނެެސްދިން އެމަނިކުފާނުގެ ޚާއްސަ އިންޓަވިއުއެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ ރައްޔިތުންނަށް ލުއި ފަސޭހަ ލިބުނު ކަމެއް ނެތް ކަމަށާއި މިހާރު ދައްކަނީ ހުރިހާ ސަބްސިޑީތަކެއް ކަނޑާލާ ވާހަކަ ކަމަށްވާއިރު ކަރަންޓާއި ފެން ބިލުތައް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަސްވެރިން ބާނާ މަސްކޮޅަށް ފައިސާ ލިބޭނެ ކަމެއްވެސް ނޭނގޭ ކަމަށާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި މި ސަރުކާރާއި ދެމެދު މުގާބަލާ ކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އަދި މި ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު ފަހުރުވެރިވާންވީ ވަރުގެ ކަމެއް ނެތް ކަމަށާއި ރައްޔިތުންނަށް ދަތިވެފައި ހުރި އެއްވެސް ކަމަކަށް ހައްލެއް ސަރުކާރަށް ގެނެސްދެވިފައި ނުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ބޭފުޅުން ސަރުކާރަށް އޭ ރިޕޯޓެއް ދިން ނަމަވެސް ރައްޔިތުންނަށް އެކަން އެގޮތަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މި ސަރުކާރަށް އަހަރެއްވުމުން ވަރަށް ގިނަ މީހުން އަންނަނީ ސަރުކާރުގެ ”ޕާފޯމަންސް“ އަށް މާކްސް ދެމުން ނެވެ. އެގޮތުން ބައެއް މީހުން ”ޑީ“ ނުވަތަ ”އީ“ ވެސް ވަނީ މި ސަރުކާރުގެ އެއް އަހަރަށް ދީފަ އެވެ.

































