ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ބޭރު ޤައުމުތަކާއެކު މަސައްކަތް ކުރުމާއި އަސްކަރީ ގުޅުންތައް ޤައުމުތަކާއެކު ޤާއިމުކުރުންކަމަށްވީނަމަވެސް އެމަނިކުފާނު ގެންގުޅުއްވާ އުސޫލަކީ ”ރާއްޖެ ފުރަތަމަ“ އުސޫލުކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މަޢުމޫނު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދިން ”ހަފްތާ 52“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ރާއްޖޭގައި ޤާއިމުވެފައި ނެތްކަން ކަށަވަރުކުރެއްވުންކަމަށާއި އަދި ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ވަނީ ފޮނުވާލާފައެވެ.
ދިފާޢީ ވަޒީރު ވިދާޅުވީ މިއަދު ރާއްޖޭގައި އެހެން އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއެއް ޤާއިމުވެ ނެތްކަން ކަށަވަރުވާ ކަމަށާއި އަދި ރައީސް މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ނުރައްކާވާނެ އެއްވެސްކަމެއް ނުހިނގާނެކަމުގެ ޔަޤީންކަން ދިފާޢީ ވަޒީރުގެ ހައިސިއްޔަތުން ރައްޔިތުންނަށް ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ބޭރު ޤައުމުތަކާއެކު މަސައްކަތް ކުރުމާއި އަސްކަރީ ގުޅުންތައް ޤައުމުތަކާއެކު ޤާއިމުކުރުންކަމަށްވީނަމަވެސް އެމަނިކުފާނު ގެންގުޅުއްވާ އުސޫލަކީ ”ރާއްޖެ ފުރަތަމަ“ އުސޫލުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރަހުމަތްތެރިކަމާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ކުރުމަތްތެރިކޮށް ހިތާގައިގެން މަސައްކަތް ކުރަން އަންނަ ކޮންމެ ޤައުމަކާއެކުވެސް ރާއްޖެއިން މަސައްކަތް ކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހިންގެ ނިންމުންތައް ނިންމާނީ ދިވެހިން ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށްވެސް ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

































