މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ކިޔުއްވުމަށް އެންމެ ފުރަތަމަ ކުރެއްވި ފޯނު ކޯލުގައިވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެވުމާއެކު އޭރު ފުއްދެން ހުރި ބައެއް ވައުދުފުޅުތަކައިގެން މަސައްކަތް ފެއްޓެވި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅު ކަމަށްވާ، ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތް ފެއްޓެވިކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެއަށް ފަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައިވެސް ރައީސް މުއިއްޒު ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އޭރުގެ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ. މިރޭ ބޭއްވި ޖަލްސާގައި އެ ޕްރެސް ކޮންފަރެންސްގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ކްލިޕްކޮޅުވެސް ދައްކާލާފައިވެ އެވެ.
އިންތިހާބަށް ފަހު ރައީސް ސޯލިހާ ފުރަތަމަ ބައްދަލުވި ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ލޯންޗަށް އަރުވައިގެން ފުރި މައުލޫމާތު ލިބިފައިވާ ކަމަށާއި އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އެކަން ކޮށްދެއްވީތީ ރައީސް ސޯލިހަށް ޝުކުރު އަދާ ކުރެއްވިކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވާއިރު ދާދި ފަހުން ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވީ ރައީސް މުއިއްޒު އެދިވަޑައިގެން ނޫން ކަމަށާއި އިންތިހާބަށް ފަހު އެފަދަ ކަމަކަށް ރައީސް މުއިއްޒު އެދިވަޑައިގެންފަ ނުވާކަމަށް ވިދާޅުވެފަ އެވެ.

































