އއ. ރަސްދޫގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފިއެވެ.
އެކަމަށްޓަކާ ރަސްދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދެވެ.
ރަސްދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ ގާތްގަނޑަކަށް 25 އަހަރު ކުރިންނެވެ. ރަސްދޫގައި ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ރަސްދޫގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ހައުސިން ޔުނިޓްތައް އަޅާނީ އާންމުންނަށް ލުއިފަސޭހަވާ ގޮތަށެވެ. އަދި އެއީ ޖާގަ ބޮޑު ހައުސިންގ ޔުނިޓްތަކަށްވާއިރު މި މަޝްރޫއާއެކު ރަސްދޫގެ ބޯހިޔާވަހިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢަށް ބައެއް ބަދަލުވެސް ގެނެސްފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުރިން މި ހައުސިން ޔުނިޓްތައް ރަށުގެ ދެ ސަރަޙައްދެއްގައި އަޅަން ނިންމާފައި އޮތް ނަމަވެސް، މިހާރު ހުރިހާ ޔުނިޓްތައް ރަށުގެ އެއް ސަރަޙައްދުގައި އަޅާގޮތަށް ޕްރޮޖެކްޓަށް ބަދަލުގެނެސްފައިވާކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރަސްދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓް ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓީން ރޫމް، ބަދިގެ ކާގެ އަދި ލޯންޑަރީއާއި ސްޓޯރޫމް ހުންނާނެއެވެ.

































