އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ ”މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު“ގެ ޕޯޓު ތަރައްޤީކުރުމާއި، މަޝްރޫޢާއި ގުޅުންހުރި އިތުރު މަސައްކަތްތައްކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތްވާގޮތުގެ މަތިން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ފްރޭމްވޯކް އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ. އަދި އޭޝިއާ އިންވެސްޓުމަންޓުގެ ފަރާތުން ސޮއިކޮށްކުރެއްވީ ޗީފް ކޮމަރޝަލް އޮފިސަރ ޓަން ކުން ޗިއާއޯ ޖޯޖްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ މިކަމުގެ ރަސްމީ އެއްބަސްވުމެއްގައި ކުރިއަށް އޮތް 6 މަސްދުވަހުގެތެރޭގައި ސޮއިކުރެވިގެންދާނެ ކަމަށާއި އަދި މި އެއްބަސްވުމާއިއެކު 100 މިލިޔަން ޑޮލަރުގެ މަޝްރޫޢެއް ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުނީގެ ފަރާތުން ފެށުމަށް ވާހަކަދެކެވިފައިވާކަމަށެވެ.
ޝިމާދު ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތްތަކަށް ފަންޑުކުރާނީވެސް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުނިން ކަމަށާއި އަދި މި ވެވުނު އެއްބަސްވުމާއި އެކު ބިންހިއްކާ، ޕޯޓާއި، ކީވޯލްތައް ތަރައްޤީވެ، ފަތުރުވެރިކަމުގެ މަޝްރޫޢުތަކާއި، ވެއަރ ހައުސްތަކުގެ އިތުރުން ރިއަލް އެސްޓޭޓުތަކަށް ވެސް ފުރުޞަތު އޮންނާނެކަމަށެވެ.
”މި މަޝްރޫޢުގެ މަސައްކަތްތަކަށް ފަންޑުކުރާނީވެސް އެ ކުންފުނިން، ބިންހިއްކާ، ޕޯޓާއި، ކީވޯލްތައް ތަރައްޤީވެ، ފަތުރުވެރިކަމުގެ މަޝްރޫޢުތަކާއި، ވެއަރ ހައުސްތަކުގެ އިތުރުން ރިއަލް އެސްޓޭޓުތައްވެސް ފުރުޞަތު އޮންނާނެ“ ޝިމާދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ޓަން ކުން ޗިއާއޯ ޖޯޖް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އިހަވަންދިއްޕޮޅުގައި ގިނަ ޚިދުމަތްތަކެއް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތް، ބަންކަރިންގ، ކުރޫޒު ޓޫރިޒަމް، އަދި ފަތުރުވެރިކަމާއި ގުޅުންހުރި އިތުރު މަސައްކަތްތައް، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއްވެސް ތަރައްޤީކުރާނެކަމަށް ޖޯޖް ޓޭން ވިދާޅުވިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ މަޤްޞަދުގައި ޚާއްސަ މެންޑޭޓަކާއެކު އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރު ހިއްސާވާ 5 ކުންފުނީގެ މައްޗަށް އެކުލަވާލެވޭ ކުންފުންޏެކެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި އުފެއްދި ކުންފުނީގައި ހިމެނެނީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ. މި 5 ކުންފުންޏާއެކު އުފައްދާ މައި ކުންފުނީގެ ދަށުން ފްރީ ޓްރޭޑް ޒޯންތައް ކަނޑައެޅުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށައެޅުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައިވެއެވެ.
މި ސްޓްރެޓެޖިކް ޕާޓްނަރޝިޕްގެ ދަށުން ދެފަރާތުން ގުޅިގެން ކުރިޔަށް ގެންދިއުމަށް އަމާޒުހިފާފައިވަނީ ދެމެހެއްޓެނިވިތަރައްގީގެ އަސާސްތަކާއި އެއްހަމަ ކުރެވިގެން އިޖްތިމާއީގޮތުން ޒިންމާދާރު، ދިގުމުއްދަތުގެ ލާބައާއި މަންފާ ލިބެނިވި އަދި ރާއްޖޭއަށް އިގްތިސާދީ ކުރިއެރުން ލިއްބައިދޭނެ މަޝްރޫއެކެވެ.

































