ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮންމަންމާފުޅާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ދޮންމަންމާފުޅަށް ބައްޕާފުޅުގެ ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުދޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކުގެ ތެދު މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ ދޮންމަންމާފުޅާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށާއި އެއީ ސިޔާސީ ވިސްނުމެއްގައި އެމަނިކުފާނުގެ އަގުވައްޓަލުމަށް ދައްކާ ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހެއްގެ ޒާތީ ވާހަކަތައް ދައްކާ ބޭފުޅެއް ނޫންކަމަށާއި، ދައްކާނަމަ އަބަދުވެސް ދައްކަވާނީ އެމީހެއްގެ ރަނގަޅު ވާހަކަތައްކަމަށެވެ. ޚާއްޞަކޮށް ޢާއިލީ ޒާތީ ކަންކަމުގެ ތަފްސީލު ވާހަކަތައް ހިއްސާކުރަން ވަރަށް ދަތިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބައްޕާފުޅު އަވަހާރަވުމުން ތަރިކަ ބެހުމުގެ ކަންކަން ކުރިއަށްގެންދިޔައީ އެކަން އޮންނަ އުސޫލުން ކޯޓު މަރުހަލާއިންކަމަށެވެ.
އެގޮތުން ބައްޕާފުޅުގެ ބައެއް ބިންތަކާއި ވިޔަފާރިތައް ސްރީލަންކާގައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބައްޕާފުޅުގެ ތިން ބިމާއި، އެ ބިންތަކުގައި ޢިމާރާތްކޮށްފައިވާ ޢިމާރަތްތަކާއި ވިޔަފާރިތަކެއް ހުރިކަމަށެވެ. އެގޮތުން ކޮލޮމްބޯގައި ދެބިން އަދި ކެންޑީގައި އެއްބިން ހިމެނޭހެން ޖުމްލަ ތިން ބިމެއް އޮތްކަމަށާއި، އެތަނުން ދެތަނުގައި ގެސްޓުހައުސް ހަދައި ވިޔަފާރިވެސް ފަށާފައި އޮތްކަމަށެވެ.
އަދި އަނެއް ބިމުގައި ހުރި ޢިމާރާތަކީ ދިރިއުޅުމަށް ހަދާފައިވާތަނެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހުރިހާ ބިންތަކާއި ޢިމާރާތްތަކާއި، ވިޔަފާރި އަދި ލަންކާގައި ބައްޕާފުޅުގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ހިމެނޭގޮތަށް ހުރިހާ އެއްޗެއް ދޮންމަންމާފުޅަށް ހިލޭ، އެއްވެސް ބަދަލަކާ ނުލައި ދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިއާއެކު ބައްޕާފުޅުގެ ހުވަފަތް އަނބިކަނބަލެއްގެ ގޮތުން މާލެއިން ލިބިވަޑައިގަންނަވާ ބައްޕާފުޅުގެ ތަރިކަ މުދަލުގެ ބައިކުޅަބައި އެއްކޮށް އެމަނިކުފާނަށް ދޫކޮށްލީކަމަށް ދޮންމާފުލު ވިދާޅުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
”ދޮންމަންމަ ވިދާޅުވި މާލޭގަ ހުވަފަތް އަންބެއްވީމަ ދީނީގޮތުން އޮންނަ ބައިކުޅަބައި އެއްކޮށް އަޅުގަނޑަށް ދޫކޮށްލާނަމޭ. އެހެންވީމަ އެއީ ނިންމި ނިންމުމަކީ. އެގޮތަށް ނިންމައިގެން ތަރިކަ ބަހާ ނިންމާފަ އެއޮތީ. އެއީ އެކަން އޮތްގޮތަކީ. ދެން އަޅުގަނޑު މިވަރަށްވެސް ބުނަން ބޭނުންނުވަނީ އެއީ އަޅުގަނޑުގެ މިޒާޖުގައި ހުންނަކަމެއްނޫން ޒާތީ ވާހަކަ ދެއްކުމަކީ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަން އޮޅުވާލައި ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާ ދޮގު ވާހަކަތަކެއްކަމަށާއި، މިއާ ޚިލާފަށް އެމަނިކުފާނު ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ.
ރައީސްގެ ދޮންމަންމާފުޅުގެ ވަހަކަތަކާއެކު މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ބައެއް މީޑިއާއިން ވަނީ އެވާހަކަތައް ގެނެސްފައެވެ. އަދި އިންތިޚާބާ ދިމާކޮށް ބޮޑެތި ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް ކުރިއެވެ. އެ ތުހުމަތުތައް ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުން އޭރުވެސް ވަނީ ދޮގު ކުރައްވާފައެވެ. ރައީސްއޭރުވެސް ވިދާޅުވެފައިވަނީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

































