މިއަދު މާލޭގައި ދިރިއުޅޭ 80 ޕަސެންޓް މީހުންނަކީ ކުއްޔަށް ދިރިއުޅޭ މީހުންނަށްވާ ނަމަ މި ފަސް އަހަރު ނިމޭއިރު އޭގެ ތެރެއިން 70 ޕަސެންޓް މީހުންނަށް ދިރިއުޅޭނެ އަމިއްލަ ތަނެއް ހޯދައިދޭނެ ކަމަށް ރައީސް ޑރ، މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބުނެފި އެވެ.
ބަޖެޓް 2025ގެ ނަމުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީގެ ހަރުގޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ސައްލާ ފޯރަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ބޯހިޔާވަހިކަމަށް 2.8 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ބޯހިޔާވަހިކަމަކީ ދައުރުގެ އެންމެ ފަހު ކަމަކަށް ވުމަށް ރައީސް މުއިއްޒު ބޭނުންފުޅު ނުވާތީ، ވެރިކަމުގައި ހުށަހަޅުއްވާ ފުރަތަމަ ބަޖެޓުން އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ފެށުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ މާލޭގައި ކުއްޔަށް އުޅޭ މީހުންކަމަށެވެ. އޭގެ މާނައަކީ އެބައި މީޙުން ދިރިއުޅެމުން ގެންދަނީ އެބައިމީޙުންގެ އަމިއްލަ ތަނަކު ނޫން ކަމަށާއި ހާއްސަކޮށް މާލެ ސަރަހައްދުގައި 83 ޕަސެންޓް ގޭބިސީތަކުގައި މީހުން ދިރިއުޅެނީ އަމިއްލަ މިލްކުވެރިކަން އޮންނަ ތަނަކު ނޫންކަމަށެވެ.
ފިރިޒުލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވަނީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ހަގީގަތް އޭގެ އަނެއްކޮޅަށް ބަދަލުކުރަންކަމަށާއި މިއަދު 80 އިންސައްތައަކީ ކުއްޔަށް ދިރިއުޅޭ މީހުންނަށްވާ ނަމަ މި ފަސް އަހަރު ނިމޭއިރު އޭގެ ތެރެއިން ބޮޑު އިންސައްތައަކީ، 60 އިންސައްތަ މީހުންނަކީ 70 އިންސައްތަ މީހުންނަކީ އެ މީހަކު ފަހުރުވެރިކަމާއެކު މިއީ ތިމަންނަގެ އަމިއްލަ ތަނެކޭ ބުނާނެ ތަނެއްގައި ދިރިއުޅޭނެ ހަގީގަތަކަށް ބަދަލުކުރުންކަމަށެވެ.
”މިއަދު އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ކުއްޔަށް އުޅޭ މީހުން. މާނައަކީ އޭނަ، އޭނާގެ އަމިއްލަ ތަނަކު ނޫން ދިރިއުޅެނީކީ. ހާއްސަކޮށް މާލެ ސަރަހައްދުގައި 83 ޕަސެންޓް ގޭބިސީތަކުގައި މީހުން ދިރިއުޅެނީ އަމިއްލަ މިލްކުވެރިކަން އޮންނަ ތަނަކު ނޫން. ކުއްޔަށް ދިރިއުޅެނީ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވަނީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ހަގީގަތް އޭގެ އަނެއްކޮޅަށް ބަދަލުކުރަން. މިއަދު 80 އިންސައްތައަކީ ކުއްޔަށް ދިރިއުޅޭ މީހުންނަށްވާ ނަމަ މި ފަސް އަހަރު ނިމޭއިރު އޭގެ ތެރެއިން ބޮޑު އިންސައްތައަކީ، 60 އިންސައްތަ މީހުންނަކީ 70 އިންސައްތަ މީހުންނަކީ އެ މީހަކު ފަހުރުވެރިކަމާއެކު މިއީ ތިމަންނަގެ އަމިއްލަ ތަނެކޭ ބުނާނެ ތަނެއްގައި ދިރިއުޅޭނެ ހަގީގަތަކަށް ބަދަލުކުރަން،“ ފިރުޒުލް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ގެ ހަދަން ނުވަތަ ގެ މަރާމާތުކުރަން ފަސް ޕަސެންޓުގައި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ، އެކަމުގެ ސަބަބުން ރަށުގައި ގޯއްޗެއް އޮތް ނަމަވެސް، މާލީ ދަތިތަކާ ހެދި އެ ގޯތި ނުހެދިފައި ހުރި މީހާއަށް ފަސޭހަކަމާއި އަތްފޯރާފަށުގައި ބޭންކުތަކުން ފައިސާ ލިބިގެންދާނެ ކަމަށެވެ. އަދި އެ ލޯނަކީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ދޫކުރާނެ ލޯނެއް ކަމަށްވެސް ވިދާޅުވި އެވެ.

































