އަންނަ އަހަރުގެ މެދުތެރޭގައި 55 ރަށެއްގެ ކައުންސިލް އިމާރާތް ނިމޭނެއިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 100 ވަރަކަށް ރަށުގެ ކައުންސިލް އިދާރާތައް ތަރައްގީކޮށް ބޭނުން ކުރެވޭ ވަރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ގެނެސްދޭ ”ދަ ޕަލްސް“ ގެ ހަ ވަނަ އެޕިސޯޑުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަކީ އެމަނިކުފާނުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، ފާހަގަވެގެން ދިޔައީ ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތިކޮށް ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރަށްރަށުގައި ކައުންސިލް އިމާރާތްތައް އަޅަން ނިންމީ ރައްޔިތުންނަށް ފައިދާއަށެވެ. ރައީސް ފާހަގަ ކުރެއްވި ގޮތުގައި އެއް މަޝްރޫއަކީ ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އެޅުމަށް މިހާރު ކުރިއަށްދާ މަޝްރޫއެވެ
”އަޅުގަނޑު ހުރިހާ ރަށަކަށް ދިޔައިރު، ވަރަށް ގިނަ ރަށްތަކުން ފާހަގަވީ ބޮލަށް ވެއްޓޭ ހިސާބުގައި އެބަހުރޭ ބައެއް ކައުންސިލް އިދާރާތައް، އޮފީސްތައް އަދި ފާރުތަކުން ކުލަ ފައިބާ، ފަންގަސް ޖަހައި، އިންސާނުން ބޭނުންކޮށްގެން ނުވާނެ ފަދަ އިމާރާތްތަކުގައި ކައުންސިލްތައް ހިންގާ،“ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ


































