ސަރަޙައްދީ ލީޑަރުންނާއި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ރިސާޗް އިންޓެލިޖެންސް ޔުނިޓް ( އާރު.އައި.ޔޫ.އެން.އައި.ޓީ ) އިންތިޒާމުކޮށްގެން ”އިންވެސްޓްމަންޓް ފޯރަމް: މޯލްޑިވްސް 2026“ ނަމުގައި 11 އޮގަސްޓުގައި މާލެސިޓީގައި ފޯރަމެއް ބާއްވާގޮތައް ހަމަޖައްސައިފިއެވެ.
އިންޓެލިޖެންސް ޔުނިޓް (RIUNIT) ބުނީ، އޭޝިއާއަށް އިންވެސްޓަރުންގެ ސަމާލުކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، މި ބާއްވާ މަޝްވަރާތަކުން ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގެ އާ ފުރުޞަތުތަކަށް ތަނަވަސްކޮށްދެވޭނެކަމަށެއެވެ.
”ބަދަލުވަމުންދާ މާޙައުލެއްގައި އޭޝިއާގެގައި އުފެދެމުން އަންނަ އިންވެސްޓްމަންޓާއި ކުރިއެރުމުގެ ފުރުޞަތުތައް“ މި މައުޞޫގެ ދަށުން ބާއްވާ މި ފޯރަމްގައި، ސަރަޙައްދީ އަދި ދުނިޔޭގެ އިޤްތިޞާދީ ބަދަލުތަކުގެ ސަބަބުން އޭޝިއާގައި އިންވެސްޓްކުރުމުގެ ނިންމުންތަކަށް ކުރާ އަސަރުތަކަށް އަލިއަޅުވާލެވޭނެއެވެ. އަދި ޚާއްޞަކޮށް ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓްގައި ހުރި ފުރުޞަތުތަކާއި އެދާއިރާގެ ބޭނުންތަކަށް ބަލާލެވޭނެއެވެ.
އިތުރަށް އާރު.އައި.ޔޫ.އެން.އައި.ޓީ (RIUNIT) އިން މައުލޫމާތު ދެއްވިގޮތުގައި، ”އިންވެސްޓްމަންޓް ފޯރަމް: މޯލްޑިވްސް 2026 “ ބޭއްވުމަށް ހަމަޖެހިފައިވަނީ 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގައެވެ. އެދުވަހު ހަވީރު 4:00 އިން 7:00 އަށް، ހޮޓެލް ޖެން ކަމަށް މައުލޫމާތު ދެއްވިއެވެ.
އާރު.އައި.ޔޫ.އެން.އައި.ޓީ (RIUNIT) އިން ބުނީ، މި ފޯރަމްގައި އިސް ޑިޕްލޮމޭޓުންނާއި، ވިޔަފާރިވެރިން، އިންވެސްޓަރުން، ޑިވެލޮޕަރުން އަދި މާލީ ދާއިރާގެ މަންދޫބުން ބައިވެރިވާނެކަމުގައެވެ.
މި މަޝްވަރާތަކުން އިޤްތިޞާދީ އަދި އިންވެސްޓްމަންޓް މާޙައުލަށް އަންނަ ހަލުވި ބަދަލުތަކާއެކު، ފައިސާ އިންވެސްޓްކުރެވޭ ދާއިރާތަކާއި، ތަރައްޤީގެ ފުރުޞަތުތައް ގުޅުންހުރި ތަންތަނާއި، އޭޝިއާގެ މާކެޓްތައް އިންވެސްޓަރުން ވަޒަންކުރާ ގޮތާ ބެހޭގޮތުން ސަރަޙައްދީ ތަޖުރިބާކާރުންގެ ޚިޔާލު ބަދަލުކުރެވޭނެއެވެ.
އަދި ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓްގެ ކުރިއަރަމުންދާގޮތުގެ މައްޗަށް ޚާއްޞަ މަޝްވަރާއެއް ކުރިއަށްދާނެއެވެ. ތަރައްޤީގެ ދާއިރާއާއި، ބޭންކިންގ، ހައުސިންގ ފައިނޭންސް އަދި ވިޔަފާރި ދާއިރާގެ ބޭފުޅުން ބައިވެރިން ހިމެނޭގޮތުގައި ބާއްވާ މި ސެޝަނުގައި، ރާއްޖޭގެ ތަފާތު ދާއިރާއަށް އަސަރުކުރާ މިންވަރާއި އިންވެސްޓްމަންޓް މާޙައުލަށް އަންނަ ބަދަލުތަކާ މެދު މަޝްވަރާކުރެވޭނެއެވެ.
މިފޯރަމް ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު، ކުރީގެ ޑިފެންސް މިނިސްޓަރު، އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (RCC) އާއި H78 ގްރޫޕްގެ ޗެއާމަން ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްއެވެ.
މި މަޝްވަރާތައް މޮޑަރޭޓްކުރައްވާނީ RIUNIT ގެ ފައުންޑަރ އަދި ސީ.އީ.އޯ ރޯޝަން މަޑަވެލާ އާއި، RIUNIT ގެ ސީނިއަރ ކޮންސަލްޓަންޓް ޑޮކްޓަރ އަނިލް ޕްރިޔަންކާ ބައްދެވިތާނާ އެވެ.
މި ފޯރަމް ބާއްވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކް، އަލްއަމާނާ ތަކާފުލް، ހޯމް ލޭންޑްސް ގްރޫޕް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (HDFC)، މޯލްޑިވްސް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް ގޭޓްވޭ އިނިޝިއޭޓިވް (MCDGI)، އާރް.ސީ.ސީ މޯލްޑިވްސް، އަދި މީޑިއާ ޕާޓުނަރުގެ ގޮތުގައި އެން.ޓީ.ވީ (NTV) ގެ އެހީތެރިކަމާއެކުގައެވެ.
އިތުރުމަޢުލޫމާތު ހޯދުމަށް:
- އީމެއިލް: info@riunit.com
- ވެބްސައިޓް: www.riunit.com


































