ތިން ރައީސުންގެ އިޝާރާތަކަށް ޕީއެންސީ ދޫކޮށްލަން ތިއްބެވި މެމްބަރުން މިހާރުވެސް އެބަތިބި ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ޢަބްދުالله ޞާދިގްގެ ކެމްޕެއިނަށް އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އިޝާރާތް ކުރެއްވީ، އެ މަނިކުފާނާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ. އެގޮތުން އެ ތިން ބޭފުޅުން ވަނީ، މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަ ކަމަށް ވިދާޅުވެ އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމަކަށް ވަޑައިގަތްކަން މިދިޔަ މަހު އިއުލާންކުރައްވައިފައެވެ.
އައްޑޫގައި ބޭއްވި ޖަލްސާގައި ޞާލިޙް ވިދާޅުވީ މި ރާއްޖޭގައި މިހާރު ހަމައިން ނެއްޓިފައިނުވާ އެއްވެސް ކަމެއް ވެސް އިސްލާހުކުރަން ޖެހިފައިނުވާ އެއްވެސް ކަމެއް ވެސް ނެތް ކަމަށެވެ. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކެނީ ރައްޔިތުންގެ މަޖިލީސް ސަލާމަތްކޮށް މަޖިލީހަކީ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ހެދުމަށް ކުރަންޖެހިފައިވާ މަސައްކަތް ކަމަށް ޞާލިޙް ވަނީ ވިދާޅުވެފައެވެ. ރައީސް ސާލިހް ވިދާޅުވީ، މިމަސައްކަތުގައި ޞޯބެ ވަރަށް މުހިއްމު ކަމަށާއި، އެހެންވީމާ ޞޯބެއަށް ވޯޓް ދެއްވުމަށެވެ.

































