އެސްޓީއޯ ހެލްތުކެއާ އިން ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި ”ބޭޔާ“ ގެ ފާމަސޫޓިކަލް އުފެއްދުންތައް ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
އެ އުފެއްދުންތައް ތައާރަފުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތާއި، ސިއްހީ ދާއިރާގެ މާހިރުންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ކުރިއަށްދިޔައީ މާލޭގެ ހޮޓެލް ޖެންގައެވެ. އެ ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ސިއްހީ މާހިރުންގެ އިތުރުން ބައިނަލްއަގުވާމީ ސިއްހީ މާހިރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެސްޓީއޯއިން ވިދާޅުވީ އެ ރަސްމިއްޔާތުގެ މައިގަނޑު މަގުސަދަކީ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ތައާރަފުކުރުން ކަމަށާއި އެގޮތުން މި ރަސްމިޔާތުގައި ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ހޯމޯންއަށް އަންނަ ބަދަލުތަކާ ގުޅޭ ބަލިތަކާއި އެތެރެހަށީގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލު ކުރެވިފައިވާކަމަށެވެ.
މި ރަސްމިޔާތުގެ ތެރެއިން ރާއްޖެއަށް ތައާރަފްކުރެވުނު ފަރުވާތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރަމުންދާ، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ބަލިމީހުންގެ ފަރުވާގެ ނަތީޖާ ރަނގަޅުކުރުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ އީޖާދީ ފަރުވާތަކެއް ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
އެ ފަރުވާތައް ރާއްޖެއަށް ތައާރަފް މިކުރެވުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހަރުދަނާ އަދި އިތުބާރުހުރި އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީކުރެވިގެންނެވެ.
އެސްޓީއޯއިން ވިދާޅުވީ ހެލްތުކެއާ އާއި ބޭޔާ ކުންފުނި ގުޅިގެން ފެށި އެ މަސައްކަތަކީ ރާއްޖޭގެ ގައުމީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދެ ފަރާތުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. އަދި އެ ފެށުނު ގުޅުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.


































