ގއ. ވިލިނގިލި ފަޅުގައި އޮތް ލޯންޗަކުން މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އާދިއްތަ ދުވަހު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުންބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ / އާރާދަނާ، އަޞްޢަދު ޢަލީ (35އ) ކަމުގައެވެ. މީނާ ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓަކަމުގައެވެ.
ފުލުހުން އިތުރަށް މައުލޫމަތު ދިންގޮތުގައި، މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ވިލިނގިލީ ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާއާމެދު ތުހުމަތުކުރެވިގެން ފުލުހުން އެ ލޯންޗަށް އަރައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކޮތަޅެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 49 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އަޞްޢަދު ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

































