މި އަަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކޮރަޕްޝަންގެ އަމަލެއްގެ މައުލުމާތު ލިބިއްޖެނަމަ ރިޕޯޓްކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.
އޭސީސީން ބުނީ މި ދުވަސްވަރަކީ ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން، އެފަރާތްތަކަށް ދާއިރާގެ ވޯޓުލާ މީހުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާއެކު ކުރަމުންދާ ދުވަސްވަރެއް ކަމަށެވެ. ތާއީދު ހޯދުމަށްޓަކައި އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެތިބުމަށާއި، އާންމު އިންތިހާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ހުރުމަތްތެރިކޮށް ހިތުމަށް ސަމާލުކަންދޭންޖެހޭ ކަމަށް ބުންޏެވެ.
ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އާއި ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަކުރެވޭ ކަމަށް އޭސީސީއިން ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށް ވިދާޅުވިއެވެ.
”އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެއް. މިއީ އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަގޮތެއްގައި މުޅި މުޖުތަމައަށް ނުހަނު ގެއްލުންބޮޑު ކަމެއް. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ހަގީގީ ބާރުވެރިކަމާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް. އެފަދަ އިންތިހާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި އަދި ދާއިރާއާއި ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ ހަވާލުކުރާނެ ހަރުދަނާ ގާބިލު ބަޔަކު ކަނޑައެޅިގެންދިޔުން.“ އޭސީސީން ބުންޏެވެ.
އޭސީސީން ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިހާބަށް ކެމްޕޭންކުރަމުންދާ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެފަދަ ކަމެއް ލަސްނުކޮށް ރިޕޯޓްކުރުމަށް ވެސް އޭސީސީން އެދިފައިވެއެވެ.

































