ދިވެހި ފުލުހުންނާއި، އެމެރިކާގެ އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެ ޤައުމެއްގެ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ޓެރަރިސްޓް ޖަމާއަތް އައިއެސްގެ ޕްރޮޕެގެންޑާ ފަތުރާކަމަށް ތުހުމަތުކޮށް ރާއްޖެއިން ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ 23 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.
ހޫދު ހައްޔަރުކޮށް ދައުވާކޮށްފައިވަނީ 18 އޭޕްރިލް 2025 ގަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޫދުގެ މައްޗަަށް ޖުމުލަ 5 ދައުވާއެއް ކޮށްފައިވެ އެވެ. އެއީ، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލަތަކުގައި މިއަދު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުން ވަނީ ފަސް ދައުވާގެ ތެރެއިން ތިން ދައުވާއެއް ހޫދުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.
އެގޮތުން ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. މި ތިން ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހޫދުގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ހޫދު ގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2015 އިން ފެށިގެން 06 ޖަނަވަރީ 2022 ގެ ނިޔަލަށް ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި ނަންނަމުގައި ޝޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އެކައުންޓްތައް ކްރިއޭޓްކޮށް، އަމިއްލަ ފޯނުން އެ އެކައުންޓްތައް ބޭނުންކޮށް، އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) އާ ގުޅުންހުރި މައުލޫމާތާއި ހަބަރު ގެނެސްދޭ ސޯޝަލް މީޑިއާގެ އޮންލައިން ގްރޫޕްތަކުގައި، އެފަދަ އަމަލުތަކާއި ގުޅޭ އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ހިއްސާކޮށް، ގިނަ ވަގުތުތަކެއް މިކަމުގައި ހޭދަކޮށް އެކި ބަސްބަހުން ލިޔެފައިވާ އައިއެސްއައިއެސްގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ލިޔުންތައް އެހެން މީހުންނަށް ފޯރުކޮށްދީ، އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތައް ތަރުޖަމާކުރުމަށްޓަކައި އެކި މީހުންނާ މުއާމަލާތުކޮށްގެން އެ މަސައްކަތް ކޮށްފައިވާތީ އެވެ. އަދި ސޯޝަލް މީޑިއާގެ އެކި އޮންލައިން ޕްލެޓްފޯމްތަކުގައި އައިއެސްއައިއެސްއަށް ތާއީދުކޮށް، އެކި ޤައުމުތަކުގައި ތިބި އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއިދުކުރާ މީހުންނާ މުއާމަލާތުކޮށް، އެކަންކަން ކުރުމަށާއި ސިއްރުކުރުމަށާއި އޮޅުވާލުމަށް ބޭނުންކުރެވިދާނެ ތަފާތު އެކި އެކި އެޕްލިކޭޝަންތައް މީނާ ގަނެގެން މީނާގެ ފޯނަށް އަޅައިގެން އައިއެސްއައިއެސްގެ ޚަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

































