މި ސަރުކާރުގެ އަމަލުތަކުން ހާމަވަނީ ރާއްޖޭގެ ވެރިކަން ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީގެ މެންބަރުން އަދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވެއްޖެނަމަ، އެ އަމަލެއް ހިންގި ޕާޓީއެއް ނުވަތަ ފަރާތެއް ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މި ދަނޑިވަޅަކީ، އެއްވެސް ސިޔާސީ ޕާޓީއަކުން މާ ބޮޑެތި ގޯސްތަކެއް ހަދަމުންދާ ދަނޑިވަޅެއް ނޫން ކަމަށެވެ. އަދި ޕާޓީތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހު ގެންނަނީ ކީއްވެގެންތޯ މައުރޫފް ވަނީ ސުވާލު އުފެއްދަވާފައެވެ.
މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މިހާރު މިކަންތައްތައް ދާގޮތުން މި ސަރުކާރުގެ އަމަލުތަކުން ހާމަވަނީ ރާއްޖޭގެ ވެރިކަން ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށެވެ. އެގޮތުން، ރާއްޖޭގައި ހުރި ހުރިހާ މިނިވަން މުއައްސަސާތަކެއް ރައީސުލްޖުމްޙޫރިއްޔާގެ އަތްދަށަށް ގެންނަ މަންޒަރު ފެނިގެންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މިހާރު ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން ޕާޓީތަކަށް ލިބެމުން އަންނަ ފައިސާ އިތުރަށް މަދުވެގެންދާނެ. ބޮޑު އަދަދެއް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީއަށް ހޯދުމަށްޓަކައި މި ބަދަލު މި ގެނެވެނީ،“
މިއަދު ހުށަހެޅި އިސްލާހުގައިވާ ގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަށެވެ. އެގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.
މިހާރު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އިސްލާހުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލު އިސްލާހުކުރުމަށާއި، ގާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމުގައި ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމުގެ ގޮތުން ގާނޫނާ ޚިލާފުވާ ވަކިވަކި ފަރާތް ޖޫރިމަނާކުރުމެވެ.

































