އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ ބޭނުމުގައި، މާޒީގައި އެ ދެބޭފުޅުންގެ މެދުގައި ހިނގާފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ދެއްވައިފި އެވެ.
ނަޝީދާއި އިބޫ އެކުގައި މި ފެނުނީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށެވެ. ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ނަޝީދާއި އިބޫ ވާދަކުރެއްވުމަށް ފަހު، ބޮޑެތި ތުހުމަތުތަކަކާ އެކު ނަޝީދު ޕާޓީއާ ފެއަށް ޖެހިވަޑައިގެން ސަޕޯޓަރުންނާ އެކު ޑިމޮކްރެޓްސް އުފައްދަވައި ސިޔާސީ ހަރަކާތް ކުރިއަށް ގެންދެވީ ވަކިންނެވެ. ޕާޓީގައި އުފެދުނު ބައިބައިވުންތަކަށް ފަހު އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ވަނީ ގެއްލިފަ އެވެ.
ދެ ބޭފުޅުންގެ މެދުގައި އުފެދުނު މައްސަލަތަކަށް ފަހު، ފުރަތަމަ ފަހަރަށް އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބައްދަލުކުރެއްވުމަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދާއި އިބޫ ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް ހަރުދަނާކޮށް، ލީޑާޝިޕާ އެކުގައި ޕާޓީ ވަރުގަދަކޮށް، އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތައް ވެސް ދެބޭފުޅުން އެކުގައި ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް ވަރަށް ބޮޑު ގައުމީ ޝަހުސެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެރިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނީ އެ ޕާޓީން ކަމަށެވެ.
”އެމްޑީޕީއާ އެކުގައި ފެށި އެހެން ޕާޓީތައް ރޫޅިއްޖެ. އެކަމަކު އެމްޑީޕީ ހިފަހައްޓައިފި. މި ހިފެހެއްޓުން ހިފަހައްޓަނީ، އެންމެ މުހިންމު ސަބަބަކީ މި ޕާޓީގެ އެތެރޭގެ އިންތިޒާމުތައް އޮންނަ ގޮތް،“ 2023 ވަނަ އަހަރު އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީ ”ރޫޅާލާނަން“ ކަމަށް ވިދާޅުވި ނަޝީދު މިއަދު ވިދާޅުވި އެވެ.
”[އެމްޑީޕީގައި] ގައުމީ މަޖިލިސް އެބައޮވޭ، މަގާމުތަކުގައި ބޭފުޅުން އެބަ ތިއްބަވާ، ގައުމީ ހިންގާ ކޮމެޓީ އެބަ ހިންގަވާ. އެހެންވީމަ، މުއައްސަސާއެއްގެ ގޮތުގައި މި ޕާޓީ އަބަދުވެސް ހިނގަމުން ދަނީ. އަޅުގަނޑުމެން ދެމީހުންނަކީ މިކަމުގައި ވަރަށް ބޮޑު ހިއްސާދާރުން. އަޅުނޑުމެން ދެކޭ ގޮތުގައި، މިކަމުގައި އަޅުގަނޑުމެން އުޅުން އެއީ އަންނަ އޮތް ޖީލުތަކަށް ކުރުން މަޖުބޫރުވެފައި އޮތް ކަމެއް.“
ނަޝީދު ވިދާޅުވީ އިބޫއަކީ އެއްއިރަކު ވެސް އެމަނިކުފާނާއި ދުރު ބޭފުޅެއް ނޫން ކަމަށެވެ. އެ ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އަބަދުވެސް ހިނގާ ކަމަށާއި އެކަމަކު އެއީ އަބަދަކު ދުރުގައި ތިއްބަވަން ޖެހޭ ސަބަބެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ ދެބޭފުޅުން އަބަދު ދުރުގައި ތިބުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.
އިބޫ ވިދާޅުވީ އެމަނިކުފާނާއި ނަޝީދުގެ ގުޅުމަކީ ”ރޫޅޭ ވަރަށް“ ވުރެ މާ ދުވަސްވީ ގުޅުމެއް ކަމަށެވެ.
”އަޅުގަނޑުމެންގެ މި ގުޅުމަކީ އިއްޔެއަކު، އޭގެ ކުރީ ދުވަހަކު އޮތް ގުޅުމެއް ނޫން. އަބަދުވެސް ހުރޭ ހިޔާލު ތަފާތުވުން، އަދި ސިޔާސީ ކަންތައްތަކުގައި. އެކަމަކު، އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެކީގައި ކުރިއަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް. ހޯދައިގެން މިހާ ހިސާބަށް މި އާދެވުނީ،“ އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އެމްޑީޕީއަކީ 20 އަހަރުގެ ދިގު ތާރީހެއް އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީގެ އެގޮތުގައި ދެމިއޮތީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ދަމަހައްޓާތީ ކަމަށެވެ. އަދި އެ ޕާޓީއަކީ އެހެން މީހުންނަށް ފުރުސަތު ފަހިކޮށްދޭ ޕާޓީއެއް ކަމަށާއި އެމްޑީޕީ ނޫން ރާއްޖޭގެ އެހެން ޕާޓީތައް ވަކި ހިސާބަކުން އުވިގެން ދަނީ އެ ފުރުސަތު ނުލިބޭތީ ކަމަށް އިބޫ ވިދާޅުވީ އެވެ.

































