ރ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ހިންގުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. މި މަސައްކަތް ފެށުމާއެކު، ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މި ދަތުރުފުޅަކީ ދުވާފަރުގެ ތަރައްޤީއަށް ހިންގާ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށުމާއި، ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގާ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައްވެސް ހިމެނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

































