އަންނަ އަހަރުން ފެށިގެން ނޮވެމްބަރު 3، 1988ގައި ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށް އެލަވަންސެއްދީ، އެ އާއިލާތަކަށް ދިނުމަށް 50 ޔުނިޓްގެ ހައުސިން އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެކުރިން ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ދިން ކަމަށާއި އެހެން ނަމަވެސް ފަހަކަށް އައިސް އެކަން ހުއްޓިފައިވާއިރު އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
އެގޮތުން އަންނަ އަހަރުން ފެށިގެން ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށާއި ނޮވެމްބަރު ތިނެއްގައި މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް ފަރާތަށާއި މެޑަލް ފޯ ބްރޭވަރީ ލިބިފައިވާ 10 ފަރާތަށް، ގެޒެޓް ކުރާ އުސޫލެއްގެ ދަށުން ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ހާއްސަ އެލަވަންސެއް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”ހަމައެއާއެކީގައި ޝަހީދުވި އާއިލާތަކަށް ޚައްސަކޮށް ޝަހީދުވި ފަރާތްތަކަށް ޚާއްސަ ކުރެވިގެން ހައުސިން ޕްރޮގްރާމެއް، ޝަހީދުންގެ ހިޔާގެ ނަމުގައި 50 ހައުސިން ޔުނިޓް ހިމެނޭ ހައުސިން އިމާރާތެއް ކުރިއަށް އޮތް އަހަރުތަކުގައި، މި ދައުރުގެ ތެރޭގައި އަޅައި ނިންމައި މި އާއިލާތަކާ ހަވާލުކުރާނަން،“ ރައީސް ވިދާޅުވި އެވެ.
ދައުލަތުން މިފަދަ ކޮންމެ ކަމެއް ކޮށްދިން ނަމަވެސް ޝަހީދުވި ބޭފުޅުންގެ އާއިލާތަކުން ކަޑައްތު ކުރާ ހިތާމައެއް އަނބުރާ ނުދެވޭނެ ކަމަށާއި އަދި ޝަހީދުވި އަބްތާލުންގެ މަތިވެރި ޖިހާދުގެ އަގު ނުދެއްކޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.


































