ސިވިލް ކޯޓުގެ ދެ ޤާޒީއަކާ ގުޅޭ މައްސަލަތަކެއް، އެ ކޯޓުގެ މުވައްޒަފުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި، ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ޤާޒީ ޙާފިޒާ ޢަބްދުއްސައްތާރާއި ޤާޒީ ޢަބްދުﷲ އިޙުސާންއާ ގުޅޭ މައްސަލަތަކެކެވެ.
އެގޮތުން، ޤާޒީ ޙާފިޒާއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ، މުވައްޒަފުންނާ މުޢާމަލާތްކުރާގޮތާއި ޢަމަލުތައް ބަހައްޓާގޮތުގެ މައްސަލަތަކެވެ. އެ މައްސަލަތައް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޤާޒީ ޙާފިޒާއާ ގުޅޭގޮތުން މި ބާވަތުގެ މައްސަލައެއް މީގެ ކުރިންވެސް ޖޭއެސްސީއަށް ހުށަހެޅި ނަމަވެސް، އެ މައްސަލާގައި މުވައްޒަފުން ބަޔާން ނުދިނުމުން، މައްސަލަ ސާބިތެއް ނުވިއެވެ.
ހަމައެއާއެކު، ޤާޒީ އިޙުސާންއާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވަނީ މުވައްޒަފަކަށް ފުރައްސާރަކުރިކަމަށް ތުހުމަތުވާ މައްސަލައެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި، ސިވިލް ކޯޓުގެ އިސް ޤާޒީ މަރިޔަމް ވަޙީދާ ގުޅޭގޮތުންވެސް ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅިއެވެ. އެއީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި އައު މުވައްޒަފުން ނެގުމުގައި ނުފޫޒު ފޯރުވުން ފަދަ ކަންކަން ކުރާކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ.

































