ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މިދުވަސްވަރަކީ އޭޝިއާގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ދުވަސްވަރެކެވެ. އޭޝިއާގެ އިރުމަތިން މެލޭޝިއާ، ތައިލެންޑް އަދި އިންޑޮނޭޝިއާއަށް ވެސް ވަރަށް ބޮޑަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އޭގެއިތުރުން ރާއްޖެއާއި އެންމެ އަވައްޓެރި ސްރީލަންކާއަށް ވެސް އަންނަނީ މީންދުވަހަކު ނުކުރާވަރުގެ ވަރުގަދަ ވިއްސާރައެއް ކުރަމުންނެވެ. އަދި މިހާރު އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ.

































