ރާއްޖޭގައި ވަރުގަދަ މިލިޓަރީ ބާރެއް އެމްއެންޑީއެފްގައިޤާއިމުވެފައި އޮތުމަކީ ހަމަ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްކަމަށް ދެކޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ އެމްއެންޑީއެފް ގަން އެއާ ސްޓޭޝަން ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމްއެންޑީއެފަށް ހުރިހާ ދާއިރާއަކުން ހުރިހާ މާނައެއްގައި ކަންކަން ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި ދިވެހީން ބޭނުންވާ ގޮތް ކަމުގައި ވިދާޅުވެ އެކަން ކޮށްދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް މިލިޓަރީ މަތިންދާ ބޯޓްތައް ހޯދުމުގެ މަސައްކަތް ކުރައްވަން ނިންމާ އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފައިންގެ ވައިގެ ބާރާއި ކަނޑުގެ ބާރާއި އެއްގަމުގެ ބާރު ވަރުގަދަ ކުރެއްވުމަށް ވަސީލަތްތައް އިތުރުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ ކޯސްޓްގާޑްގެ ފްލީޓް ދެ ގުނަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ސިފައިންގެ މެރިންކޯ އަށް ވަސީލަތްތައް އިތުރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު މިހާރު ވަނީ އެމްއެންޑީއެފަށް މިލިޓަރީ މަތިންދާ ބޯޓްތައް ހޯދުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
”މި ގައުމުގައި ވަރުގަދަ މިލިޓަރީ ބާރެއް އެމްއެންޑީއެފްގައި ޤާއިމުވެފައި އޮތުމަކީ ހަމަ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން,“ ރައީސް ވިދާޅުވި އެވެ.
އެމްއެންޑީއެފަކީ ވަރުގަދަ ފޯސްއަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

































