ބ. އަތޮޅުގެ 3 ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފްއެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ ހިތާދޫ ސިއްހީ މަރުކާޒުގެ އާ އިމާރާތުގެ މަސައްކަތާއި މާޅޮހާއި ދޮންފަޅު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.
ހިތާދޫ އަދި މާޅޮހު ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ސިރުހާން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތްތަކުގެ ތެރެއިން ހިތާދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތްކުރުމަށް ފެނަކައާ ހަވާލުކުރީ 33.7 މިލިޔަން ރުފިޔާއަށެވެ. އަދި މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މާޅޮހާއި ދޮންފަނު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކާ ހަވާލުކުރީ 12.1 މިލިޔަން ރުފިޔާއަށެވެ. އެ ދެ ތަނުގެ މަސައްކަތްވެސް 545 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

































