ފިޔާ ލިބުމުގެ ދަތިކަން ޙައްލުކުރުމަށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. ފިޔާ ޢާއްމުގޮތެއްގައި ރާއްޖެއަށް އެތެރެ ކުރަނީ މުދާ ރާއްޖެއަށް އެތެރެ ކުރާ ފަރާތްތަކުންނެވެ. ނަމަވެސް ޢާއްމުކޮށް ބޭނުން ކުރާ ތަކެތި މަދުވާ ގޮތް މެދުވެރިވެއްޖެނަމަ އެސްޓީއޯއިން އެމުދަލެއް އެތެރެކޮށް ރައްޔިތުނަށް ހެޔޮ އަގުގައި ލިބޭނެ ގޮތް ހަމަ ޖައްސައެވެ.
މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ފިޔާ ރާއްޖެއަށް އެތެރެކުރުން އުދަގޫ ވެފަައިވާތީ ފިޔާ އަގު ވަނީ ބޮޑުވެފައެވެ. ވީމާ އެސްޓީއޯ ފިޔާގެ ޝިޕްމަންޓެއް ގެނެއައުމުގެ މަސައްކަތް ފަށާފައި ވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އެސްޓީއޯ ފިޔާ ސިޕްމަންޓް ގެންނަނީ އިންޑިއާއިންނެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވީ، ފިޔާފަދަ ޕެރިޝަބަލް މުދާ ހިފައިގެންގެން ރާއްޖެ އައިސްފައިވާ 4 އުޅަނދެއް މިހާރުވެސް ބަނދަރުގައި އެބައޮތްކަމަށެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ފިޔާވެސް ހިމެނޭކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ނަމަވެސް ބޯޓުތަކުން މުދާ ހުސްކުރުން ލަސްވަމުންދަނީ، މޫސުން ގޯސްކޮށް އުޅޭތީކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
އެސްޓީއޯއިން ވިދާޅުވީ ބަނދަރުގައި އޮތް ބޯޓުތަކުގެ ޝިޕްމަންޓްތައް މާކެޓަށް ލިބުމުން، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބޭނެކަމަށެވެ. އަދި އެސްޓީއޯއިންވެސް މަސައްކަތްކުރަމުންދަނީ ވިހާވެސް އަވަހަށް ފިޔާ ޝިޕްމަންޓް ރާއްޖެ ގެނެސް، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދިނުމަށްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

































