ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކުވައިދެނީ ޤައުމަށް ކުރެވޭ އިޚުލާޞްތެރި ޚިދުމަތެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ތާރީޚި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވަނީ ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކައިދެނީ ޤައުމަށް ކުރެވޭ އިޚްލާސްތެރި ޚިދުމަތެއްކަން ފާހަގަކުރައްވާ ޤާނޫނު ތަންފީޒުކުރުމާއި މުޖުތަމައު ރައްކާތެރިކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމް ހުއްޓުވުމާއި، ގޭންގު ކުށްތަކާއި، އަދި ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާ، ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކުގައި ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. ސީޕީ ނަވީން ވަނީ ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށާއި ދިވެހި ރައްޔިތުންގެ އިތުބާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ހޯއްދަވައިދެއްވުމަށް ކުރައްވާ އިހުލާސްތެރި މަސައްކަތްޕުޅުތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ނިހާޔަތަށް ޝުކުރު ދަންނަވާފައެވެ. އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނަށާއި، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނަށާއި، އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއަށް އެ ބޭފުޅުންގެ ދެމެހެއްޓެނިވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ އެއް ފުރާޅެއްގެ ދަށުން ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވި ތާރީޚީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކޮމިޝަނަރ ނަވީން ވަނީ މި މުނާސަބަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

































