ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެކެވެ. މިއަދު ދިވެހިރާއްޖެ މިނިވަންކަމަށް 60އަހަރު ފުރޭ އިރު މިނިވަން ކަމަށް ދިވެހިރާއްޖެ ކުރި ދަތުރުގެ ވާހަކަތަކަކީ އިބުރަތްތެރި ވާހަކައެކެވެ. 1965 ޖުލައި މަހުގެ 26ވަނަ ދުވަހު މިނިވަންކަން ލިބުނު ގޮތުގެ ވާހަކައަކީ ދިވެހި ލީޑަރުންގެ ހިތްވަރުގަދަ ކަމުގެ ވާހަކަ އެކެވެ. ކަނޑި ބަޑީން ހަނގުރާމަ ކުރުމެއްނެތި ރާއްޖެ މިނިވަންކަން ހޯދުމުގައި ގެންގުޅުނު ސިޔާސަތުގެ ސަބަބުން 1965ވަނަ އަހަރުގެ ޖުލައި 26ވަނަ ދުވަހު ދިވެހިންނަށް މިނިވަންކަން ލިބުނު ގޮތުގެ ވާހަކައަކީ އަސަރުގަދަ ވާހަކަ އެކެވެ. އެއަށް ފަހު ދިވެހި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އަމިއްލަ ފައިމަޗަށް ތެދުވެ ހިންދެމިލުމަށް ކުރެވުނު މަސައްކަތުގެ ވާހަކަ އަކީ މިއަދު ޤައުމުގެ ކަންކަމާ މެދު ވިސްނާ ކޮންމެ މީހަކަށްވެސް އިބުރަތް ލިބިގަންނަން ޖެހޭނެ ފިލާވަޅު ތަކެކެވެ.
1887ވަނަ އަހަރު ޑިސެމްބަރ މަހު ދިވެހި ރާއްޖެ އާއި އިގިރޭސިންނާ ދެމެދު ވެވުނު އެއްބަސް ވުމަކުން ދިވެހިން އިގިރޭސީންގެ ހިމާޔަތުގެ އުނގަށް ވެއްޓިގެން ދިއެވެ. އެއެއްބަސް ވުމުގައި ވާގޮތުން ރާއްޖެއަކީ، ޚާރިޖީ ހުރިހާ ކަމެއް އިނގިރޭސި ދައުލަތް މެދުވެރިވެގެން ހިނގަންޖެހޭ، އިނގިރޭސިންގެ ހިމާޔަތްލިބިގެންވާ ޤައުމެކެވެ. އަދި ރާއްޖޭގެ ރަސްގެފާނަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިފައިވާ މީހަކަށްވުމުގެ އިތުރުން، އިނގިރޭސި ދައުލަތަށް ކޮންމެ އަހަރަކު ރާއްޖެއިން ޖިޒީފޮނުވަންޖެހޭނެ ކަމަށްވެސް އެއްބަސް ވުމުގައި ވެއެވެ.
އެއްބަސްވުމުގެ ކުރީކޮޅު ދެފަރާތުންވެސް އެއާ އެއްގޮތަށް ޢަމަލުކުރަމުން ދިޔަނަމަވެސް އިނގިރޭސީން ދިޔައީ މަޑުމަޑުން ޚީލާފުވެ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންނެވެ. މިގޮތުން 1903 ވަނައަހަރު އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން (ހަވަނަ) ރަސްކަމުންއަޒުލްކޮށް އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން(ތިންވަނަ) ރަސްކަމަށްއިސްކުރި ޙާދިސާގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއަށްވަދެ އިނގިރޭސީން ފިޔަވަޅުތައް، އަޅާފައިހުރިކަން ތާރީޚުން އެނގެއެވެ.
އެއަށްފަހުވެސް ދެޤައުމުގެ ދެމެދުގައި ވެފައިވާ މުއާހަދާއިން ބޭރުން އިނގިރޭސީން ދިޔައީ ކަންތައްތައް ކުރަމުންނެވެ. އެގޮތުން 1956 ވަނަ އަހަރު ދިވެހި ސަރުކާރުގެ ހުއްދައެއްގެ ދަށުން ވަރަށް ކުޑަކުޑަ ރަމްޒީ ފީއަކަށް ސަތޭކައަހަރު ދުވަހުގެ މުއްދަތަށް އައްޑުއަތޮޅު ގަމާއި ހިތަދޫން 110 އޭކަރު ބިންއިނގިރޭސީން ކުއްޔަށް ހިފިއެވެ.
އެދުވަސްވަރު، ދެޤައުމުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުން އަލުން އައުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އެކަމުގައި ދިވެހި ސަރުކާރުން ބުނަމުންދިޔައީ، އަލަށް ކުރެވޭ އެގްރީމެންޓުގައިދިވެހިރާއްޖޭގެ ސިޔާސީ ޙައިޘިއްޔަތު ކަނޑައެޅިގެން ބަޔާންވެ އެނގެން އޮންނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަކީ އަމިއްލަވެރިކަމެއްގެ ބާރު ލިބިގެންވާ މިނިވަން ޤައުމެއް ކަމުގައި އިނގިރޭސި ސަރުކާރުން ޤަބޫލު ކުރުމަށް ރާއްޖެއިން ހުށައެޅިއެވެ. މިހުށައެޅުމާއި އެކު އިގިރޭސިން ތަފާތު ހުށައެޅުންތައް ހުށައެޅި ނަމަވެސް ވަޒީރުލް އައުޒަމް އިބްރާހީމް ނާޞިރު ވިދާޅުވަމުން ގެންދެވީ ދިވެހި ރާއްޖެ މިނިވަން ކަން ނޫން އެހެން ވާހަކައެއް ނުދައްކަވާނެ ކަމަށެވެ. އަލްމަރުޙޫމް އިބްރާހީމް ނާސިރު ހިކުމަތް ތެރިކަމާއި އެކު ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 1965 ވަނަ އަހަރުގެޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގެއް ދަށުން ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއް ކަމުގައި އިނގިރޭސި ސަރުކާރު ޤަބޫލު ކުރިއެވެ. އަދިސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ބައިނަލް އަޤްވާމީ، ސީދާ ގުޅުން ހިންގުމުގެ ޙައްޤު ރާއްޖެއަށް ލިބުނެވެ.
ސިޔާސީ ގޮތުން މިނިވަން ކަން ލިބިގެން ދިޔައިރު، އެހެނިހެން ދާއިރާތަކުން މިނިވަންކަން ހޯއްދެވުމަށް ކުރެއްވި މަސައްކަތަކީ ބުރަ އަދި އަދަގޫ މަސައްކަތެކެވެ. ރާއްޖޭގެ ވިޔަފާރީގައި ވަކި ހިއްޕާލާފައި ވޯރާ ވިޔަފާރި ވެރިން ރާއްޖެއިން ފޮނުވާލާ ވިޔާފަރި ދިވެހިންގެ އަތްމައްޗަށް ގެނައުން ވެގެން ދިޔައީ އިޤްތިޞާދީ މިނިވަން ކަން ފެށުމެވެ. އިގިރޭސިން ދަގަނޑު ފިލާ އިން ތަރައްޤީކޮށްފައިވާ ހުޅުލޭ އެއަރ ޕޯޓްގައި އިގިނރޭސިންގެ ހުއްދަ ލިބިގެން ނޫނީ އެއަރޕޯޓް ބޭނުން ނުކުރެވޭތީ އިގިރޭސިންގެ ދަގަނޑު ފިލާތައް ނެގުމަށް ފަހު ދިވެހިންގެ މަސައްކަތާއި ހިތްވަރުން ދިވެހިންގެ އެއަރ ޕޯޓެއް ތަރައްޤީ ކުރުން ވެގެން ދިޔައި މިލޮބުވެތި ޤައުމުގެ މިނިވަންކަމުގެ އައު ބާބަކަށެވެ. މިނިވަން ކަމަށް 60އަހަރު ފުރޭ މިނިވަން ދުވަހު އެއަރޕޯޓްގެ އައު ޓާރމިނަލް ހުޅުވިގެން ދާއިރު އެއަރޕޯޓްގެ ފެށުން ގުޅިފައި ވަނީ ދިވެހިންގެ ބުރަ މަސައްކަތާއި ސިޔާސީ ހިކުމަތްތެރި ރޭވުމާއެވެ. ދިވެހިން ރޭޑިއޯ ސްޓޭޝަނެއް ފެށުމާއި، ފަތުރުވެރިކަން ފެށި ދިވެހިން ފުދުންތެރި ބަޔަކަށް ވެގެން ދިއުން ވެފައިވަނީ މިނިވަން ކަމާ ލާމެހި ގުޅިފައެވެ. ރާއްޖޭން އަމިއްލަ ޝިޕިން ލައިނެއް އުފެއްދެވުމާއި އެކު މަސްވެރިކަން ފުޅާކުރެއްވި އެވެ. ދިވެހި ދަރިންނަކީ އިލްމީ ބަޔަކަށް ހެއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ. މަރުޙޫމް ނާސިރު ސާބިތުކޮށްދެއްވީ، އިނގިރޭސީންގެ އެހީއާ ނުލާ ވެސް، ނުވަތަ މިނިވަން ގައުމެއްގެ ގޮތުގައި އޮވެމެ ވެސް ރާއްޖެ އަށް ތަރައްގީ ހޯދޭނެ ކަމެވެ.
މިއަދު އަޅުގަނޑުމެން 60ވަނަ މިނިވަން ދުވަހުގެ އުފާ ލިބިގަންނަމުން ދާއިރު މިމިނިވަން ކަން ހޯދުމަށް ކުރެވުނު ހިކުމަތްތެރި މަސައްކަތާއި ފުދުންތެރި ކަމެއް ނެތް އާބާދީ ކުޑަ ކުޑަ ޤައުމަކުން ދުނިޔޭގެ ބޮޑު ޤައުމެއްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާ ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި އެދުވަހު މިޤައުމުގެ ސިޔާސީ ލީޑަރުން ކުރެއްވި ހިތްވަރަކީ މިއަދުގެ ސިޔާސީ ލީޑަރުންނާއި ކަންކަމުގެ ޒިންމާދާރު މީހުން ވިސްނަން ޖެހޭނެ ކަންކަމެވެ. ތަރައްޤީ އާއި ކުރިއެރުން ގެނައުމުގައި އަމިއްލަ މިނިވަންކަން އަގުބޮޑުވާނެކަން ދަންނަންވާނެއެވެ. މިލޮބުވެތި ޤައުމުގެ އެންމެ ވެލި ފުކެއްވެސް ބޭރުގެ އެއްވެސް ނޫފުޒަކަށް ދީލާ ނުލާނެކަން ދައްކަން ވާނެއެވެ. ވަކި ފަރުދަކަށް ވުރެ، ޤައުމު ބޮޑުކަން ތާރީޚު ދައްކަމުން ދެއެވެ. މިއީ ޕޯޗްގީޒުން އަޅުވެތި ނުކުރެވުނު ، ހޮޅިންގެ އަނިޔާވެރިކަމަށް ބޯނުލެބުނު، އިގިރޭސިންގެ ހިމާޔަތުގެ ދަށުގައި ނުބޭއްވުނު ދިވެހި މަސް ކަނޑުތަކުން ބާނަ މަސްކައިގެން ބޮޑުވި ދިވެހި ދަރިން ދިރިއުޅޭ ދިވެހިރާއްޖެއެވެ. މިރާއްޖެއަކީ މަދުން ނަމަވެސް ޣައްދާރުން އުފެދުނު ކަމުގައި ވިޔަސް ހިތްވަރުގަދަ ޤައުމީ ބަޠަލުން ޤައުމަށްޓަކައި ޤުރުބާންވެ ޝަހީދު ވަމުން ދިޔަ ޤައުމެކެވެ. މިއަދުވެސް އަދި މާދާމާވެސް ދިވެހި ޤައުމުގެ މިނިވަންކަމުގެ ހައްޤުގައި ހަށިގަޑާ ފުރާނައިން ޤުރުބާން ވާނެ ކިތަންމެ ދިވެހި ދަރިން މިފަސްގަޑުގައި ތިބޭނެއެވެ.
ދިވެހިރާއްޖޭގެ މިނިވަން ކަމުގެ ވާހަކަ އަކީ ހިތްވަރުގަދަ، އިބުރަތުން ފުރިފައިވާ ލާމަޘީލު ވާހަކަ އެކެވެ. މިއަދު މިޤައުމު ކޮންމެ މީހަކުވެސް އެވާހަކަ ތަކުން ހިތްވަރު ލިބިގަނެ އިބުރަތް ޙާސިލް ކުރަން ޖެހެއެވެ. ދިވެހި ޤައުމު މިނިވަންކަން މަތީ އަބަދަށް!

































