އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމާއި ގުޅިގެން، ރާއްޖޭގެ ކުރީގެ ބައެއް ރައީސުން މަރުޙަބާ ވިދާޅުވެއްޖެއެވެ.
މޯދީގެ ދަތުރުފުޅާއި ގުޅިގެން ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި މޯދީގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ. ކުރީގެ ރައީސް، މުހައްމަދު ނަޝީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ކުރައްވާ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅަކަށް ވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ. އަދި ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ސާލިޙް ވެސް ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާ ގުޅިގެން ބަޔާނެއް ނެރުއްވާފައި ވެއެވެ. އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމުން މަރުޙަބާ ދަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދަޢުވަތު ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވާކަމަށްވެސް ކުރީގެ ރައީސް ސާލިހުގެ ބަޔާނުގައިވެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް، ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދި ރާއްޖެ ވަޑައިގަންނަވާފައި ވަނީ މިއަދުގެ ހެދުނުގެ ވަގުތެއްގައެވެ. އިންޑިއާކީ ރާއްޖެއަށް އަބަދުވެސް އެކި ރޮނގުތަކުން އެހީތެރިވެ ދޭ އެކުވެރި ޤައުމެކެވެ.

































