އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕުން ލަނޑު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ އަސްކޮއި ގްރޫޕުން އުމްރާ އަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގައި އުމްރާއަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައި ދީފައި ނުވާކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކާއި މަޝްވަރާކޮށް، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން އިން މި މަމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
އަސްކޮއި ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާން ފައިސާ ދެއްކި މީހުންނަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ ގަލްފު ހަނގުރާމައިގެ ސަބަބުން މި މަހުގެ 24 ވަނަ ދުވަހު ފުރަން ހަމަޖެހިފައި އޮތް ދަތުރު، އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށެވެ.
އަދި މި ގްރޫޕްގެ ފަރާތުން މިފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ އެކަން އިކޮނޮމިކް ކްރައިމް ނަންބަރު 9790048 އަށް ގުޅައި ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް ހާޒިރުވެ ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.
މިދިޔަ މެއިމަހުވެސް އަސްކޮއި ގުރޫޕުން އުމުރާއަށް މީހުންގެންދިއުމުގެ މައްސަލަަތަކެއް ދިމާވެ ޖޫރިމާނާވެސް ކޮށްފައި ވެއެވެ.

































