ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކޮށްދެއްވާފައިވާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައްކުރެއްވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމުގެ ހިތާމައިގައި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް، މާތްﷲ މިންވަރު ކޮށްދެއްވުން އެދި ރައީސް ދުޢާ ދެންނެވިއެވެ.
އެނގިފައިވާ ގޮތުގައި، އުމުރުން 57 އަހަރުގައި ޑރ. އިބްރާހީމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، އިތުރު ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ގެންދިޔަ ތަނާ އެވެ.
ޑރ. އިބްރާހިމްގެ ޖަނާޒާގެ ކަންކަން މިއަދުގެ އަސަރުގެ ނަމާދަށް ފަހު ކޮޗިންގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ސިއްހީ ދާއިރާއިން ގިނަ ދިރާސާތަކެއް ކުރައްވާފައިވާ ޑރ. އިބްރާހީމް ޕީއެޗްޑީ ހެއްދެވީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން ކެނެޑާގެ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިންނެވެ. ހާއްސަކޮށް ތެލެސީމިއާގެ ދާއިރާއިން ގިނަ ދިރާސާތަކެއް ހައްދަވާފައިވެ އެވެ. ޑރ. އިބްރާހިމް ވަނީ މޯލްޑިވްސް ބްލަޑް ސާވިސް އުފެއްދެވުމުގައި އިސްދައުރެއް އަދާކުރައްވައިފަ އެވެ. އަދި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަން ކުރެއްވި އެވެ.


































