ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން މިފްކޯ އާއި އަދި އެއްވެސް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މީޑިއާއަކުން ގެނެސްދީފައިވާ ހަބަރާއި ގުޅިގެން ޝިޔާމް ވިދާޅުވީ، މިއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ. އަދި ޝިޔާމް ވިދާޅުވީ، އަންނަ ހަފްތާގައިވެސް އިނގިރޭސިވިލާތުގެ މޭޖަރު ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެއަންނަކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
”މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު. އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓާޑް ނޫސް އެޖެންސީއަކުން ހަގީގަތާއި ހިލާފް މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމުގައި ދަންނަވަން،“، މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވެފައި ވެއެވެ.

































