ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ ބުދަ ދުވަހު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އަރިހަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މަސްވެރި ކަމާ ބެހޭ ވުޒާރައިން މައުލޫމާތު ދެއްވައެވެ. އަދި މަސްވެރިކަމުގެ ދާއިރާއާއި ބްލޫ އިކޮނޮމީ އިތުރަށް ތަރައްގީ ކުރުމަށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް މަޢުލޫމާތު ދެއްވިއެވެ.
ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އަބަދުވެސް އެހީތެރިވެދެއްވާނެ ކަމަށް ސައުދީ ސަފީރު ވިދާޅުވިއެވެ.
މީގެއިތުރަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ސައުދީ އަރަބިއްޔާއިން އަބަދުވެސް އެއްބާރުލުންދެއްވާނެ ކަމަށާ، ޚާއްސަކޮށް މ.މުލަކުގައި ހުންނަ ކޯލްޑްސްޓޯރޭޖާއި ކޫއްޑޫ، އަދި ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި ކަމަށާއި އަދި މިއީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށް ސައުދީ ސަފީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ވެދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

































