މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މާދަމާ ބޭއްވުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.
މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ހަވީރު 5:00އަށް މީރުމާގަ އެވެ.
މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ. މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރައިން ވިދާޅުވެއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރައިން ވިދާޅުވީ މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ ދެ ސެޝަންއަކަށް ބަހަލައިގެން ކަމަށެވެ. ފުރަތަމަ ސެޝަންގައި ކުރިއަށްދާނީ ވޯކްޝޮޕްގެ މަޤްޞަދާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމާ ބެހޭގޮތުން މިހާރު ގެންގުޅޭ ވިސްނުމާއި، ޑޭޓާ ޑްރައިވަން މެނޭޖްމަންޓްގެ ބޭނުންތެރިކަމުގެ އޯވަރވިއުއެއް ފޯރުކޮށްދިނުމެވެ.
ދެވަނަ ސެޝަންގައި ކުރިއަށްދާނީ ސްޓޭކްހޯލްޑަރުންގެ ކަންބޮޑުވުންތަކާއި މުނިފޫހިފިލުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މުނިފޫހި ފިލުވުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތައް މިހާރު ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

































