މާލޭސިޓީގައި ޒުވާނުންތަކެއް އިސްނަގައިގެން، ސިޔާސީނުވެ ކުރިއަށް ގެންދިޔަ “ ވެއްޓިދާނެ ފެންލައިޓުންވެއްޓީދާނެ“ މުޒާހަރާގައި އިސްކޮށްއުޅުނު ދެ ޒުވާނުން ކަމަށްވާ އަބްދުالله މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
މަހުޒޫމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
އެގޮތުން، މަހުޒޫމްއަށް ފޮނުވާފައިވާ ދައުވާ ފޯމުގައި ބުނެފައި ވަނީ މަހުޒޫމްގެ މައްޗަށް ދައުވާ އުފުލަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ ށ. ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަންބަރުގައި ބުނެފައި ވަނީ މީހެއްގެ ރުހުމަކާ ނުލައި އޭނާގެ ގައިގައި އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުމަކީ ކުށެއް ކަމަށެވެ.
އެ މާއްދާގެ ށ. ގެ ތިންވަނަ ނަންބަރުގައި އޮންނަނީ އެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއް ކަމުގައިވުމެވެ.
އެ ކުށް ކުރާ މީހަކަށް ދެވޭ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ޝިމަންއަށް ފޮނުވާފައިވާ ދައުވާ ފޯމުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުން ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމަކީ ކުށެއް ކަމަށެވެ.
އެ ކުށް ކުރާ މީހަކަށް ދެވޭ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރެއް ވެސް ނުދީ އެވެ. މުޒާހަރާ ރޫޅާލި ހަމައެކަނި ސަބަބަކީ މަގުމަތީ މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް ދަތިވުމާއި އޯލެވެލް ޓެސްޓު ހަދާ ކުދިންނަށް މުޒާހަރާގެ ސަބަބުން އުނދަގޫވުން ކަމަށް ފުލުހުން ބުންޏެވެ.މުޒާހަރާގެ ތެރެއިން އެ ދެޒުވާނުން ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން އެ ދެ މީހުންނަށް ވެސް އަނިޔާ ލިބިފައެވެ.
އެކަށީގެންވާ ގިނައަދަދެއްގެ ޒުވާނުންތަކެއް އިސްނަގައިގެން މާލޭސިޓީގައި މުޒާހާކުރަންފެށީ، 18 އޭޕްރިލް 2025 ގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު، 21 އަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމަށެވެ. މިއެއްވުންތައް ލައިވްކޮށް އަމިއްލަ ޓީވީ ޗެނަލްއަކުން ދައްކަމުން ގެންގޮސްފައިވެއެވެ. އަދި މުޒާހަރާތައް ކޮންމެ ރެޔަކު ކުރަމުން ގެންދިޔަ މުޒާހަރާތައް، ވެހެމުންދިޔަ ބޯވާރޭގައި ވެސް، ސިލްސިލާކޮށް ބާއްވަމުންގެންގޮސްފައިވެއެވެ.

































