ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު ޖަލައި މަހުގެ 17 އަށް ހަމަވާތީ، އެ ތާރީޚްގެ ކުރިން ހުއްދަ ނެގުމަށް އެޗްޕީއޭ އިން އެދިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން oneGov ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުޞަތު 2025 އޭޕްރީލް 17 އިން ފެށިގެން ހުޅުވާލާ، 3 މަސް ދުވަހުގެ ތެރޭގައި ހުއްދަ ނެގުމަށް އިއުލާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެހުއްދަ ނަގަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 17 ކުރިން ނެގުމަށް ހަނދާންކޮށްދޭ ކަމަށެވެ. އަދި މި ތާރީޚަށްފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަށް ވެސް އެޗްޕީއޭ ގެ އިއުލާނުގައިވެއެވެ.

ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމަށާއި، ރީ-އެކްސްޕޯޓު ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ޤާނޫނު ނަންބަރ 2010/15 ”ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު“ އަދި އެ ޤާނޫނުގެ ދަށުން ޢާއްމު ކޮށްފައިވާ ”ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދު“ (ނަންބަރު:2025/R-21) ބަޔާން ކުރާގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަން ޖެހެއެވެ.

































