ސިއްހީ ދާއިރާއިން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އުފައްދަވައިފި އެވެ.
އެ ޖަމިއްޔާ އުފައްދަވާފައިވާކަން އެ ކަމަނާ އިއުލާން ކުރެއްވީ މޭކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
މެކް ފައުންޑޭޝަނުގެ ފަރާތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވަމުން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް އުފައްދެވީ މެކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ކޮމެޓީ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ.
މެޑަމް ސާޖިދާވަނީ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތްފައެވެ. އަދި އެ ސަމިޓް ނިންމަވާލެއްވުމަށް އެކަމަނާ މިއަދު ވަނީ އެނބުރި ރާއްޖެއަށް ވަޑައިގެންފައެވެ.

































