ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ ”ހިޔާވަހި“ ފައިނޭންސިން ސްކީމަށް ކުރިމަތި ލުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން , ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެއްކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން ދަނީ އެދެމުންދާތީވެ މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ވާހަކަ މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒުގެ ރިޔާސީ ވައުދެއްގެ ދަށުން، ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ.
ސަރުކާރުން ވަނީ މި ސްކީމަށް ހުށަހެޅުމުގައި ޢާއްމުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއިދިނުމަށްޓަކައި އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުޞޫލަށް ބަދަލު ގެނެސްފައިވެއެވެ.
މި ސްކީމު ކުރިއަށް ގެންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެންނެވެ. މި ސްކީމުގެ ދަށުން ދޫކުރެވޭ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތައެވެ.

































