ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށްޓަކައި އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން މުހިއްމު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިސްވެރިންނާއެކު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އަންގާރަދުވަހު ބޭއްވުނު ދިވެހިރާއްޖެ-މެލޭޝީޔާ ބިޒްނަސް ފޯރަމްގައެވެ.
ޤައުމުގެ ތަރައްޤީއާއި ކުރިއަރާ ދިއުމުގައި، ދިވެހިރާއްޖެ މިހާރު ވަނީ އުއްމީދީ ޙާލަތެއްގައި ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2040 ވަނަ އަހަރުގެ ކުރިން ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާ އެކު، ޚާއްޞަ މަގުޗާޓެއްގެ ދަށުން މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި ލަނޑުދަނޑިއަށް ވާޞިލުވުމުގައި އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން ވަރަށް މުޙިއްމު ކަމަށްވެސް ފާހަގަކުރެއްވިއެވެ.

































