ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ހިންނަވަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި މަހު 24 ވަނަ ދުވަހު އެ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ސްކޫލު ދައުރު ނިންމައި މުޖުތަމައަށް ނުކުންނަ ދަރިވަރުންނަށް ފުލުހުންގެ މުއައްސަސާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި، ފުލުހުންގެ ދައުރަކީ ކޮބައިކަމާއި ފުލުހުންގެ މަސައްކަތްތަކާއި ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން އެކި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، ސްކޫލު ދައުރު ނިމޭ ދަރިވަރުންނަށް ފުލުހުންގެ ތެރޭގައި ހުރި ފުރުސަތުތަކާއި ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ގޮތާ ގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
މި ސެޝަނުގައި ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 8 އިން 12 އާ ދެމެދުގެ ދަރިވަރުން ބައިވެރިވިއެވެ.

































