އޭޕްރިލް 18 ވަނަދުވަހު ފަތިހު މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުޤީގުގައި ފުލުހުން ޤާނޫނާ ޙިލާފަށް އަމަލުކުރިތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަންގަވައިފިއެވެ.
ފުލުހުން މިމައްސަލައިގައި އަމަލުކުރިގޮތް ބަލަން ޕީޖީން އެންގިއިރު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އަދި ޝުޖާއުގެ އިސްތިއުފާ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ޤަބޫލުފުޅު ކުރައްވައިފައެވެ. ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ހަމަޖައްސާފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައި ވާއިރު، މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަޙުޤީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ޕީޖީ އޮފީހުން ހޮނިހިރުދުވަހުގެރޭ ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލާގައި ފުލުހުންގެ އެއްވެސް އޮފިސަރަކު ޤާނޫނަކާ ނުވަތަ އިޖްރައާތަކާ ޙިލާފަށް އަމަލު ކުރިތޯ ބެލުމަށާއި އަދި ފުލުހެއްގެ އިޙްމާލެއް ފާހަގަވެއްޖެނަމަ އެކަމަށް ފިޔަވަޅު އަޅަން ޕީޖީ އަންގަވާފައިވާ ކަމަށެވެ.
މީގެ އިތުރުން އަނިޔާލިބުނު ޔުމްނުގެ ކަރާމާތަށް ގެއްލުން ވެދާނެ އެއްވެސް މަޢުލޫމާތެއް އާއްމު ނުކުރަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފަވެއެވެ. އަދި ތަހުޤީގުގެ މަޢުލޫމާތު އާއްމު ކުރުމުގައި ފަރުދުންގެ ހައްޤުތަކަށް އުނިކަން ނާންނާނެ ގޮތަށް އަދި ތަހުޤީގަށް ހުރަސް ނޭޅޭ ގޮތަށް މަޢުލޫމާތު އާއްމުކުރަން ވެސް ފުލުހުންނަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. ބަޔާނުގައިވާ ގޮތުން އެ މައްސަލައިގެ ތަހުޤީގާ ގުޅިގެން އާއްމުން އެ އޮފީހަށް ހުށަހަޅާ ޝަކުވާތައް ވެސް ބަލަމުން ގެންދާނެކަމަށްވެއެވެ.

































