މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް ހުރިހާ ދަރިވަރުން ކުރި ބުރަ މަސައްކަތުގައިވެސް މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ކުރަންކަމުގައި ރައީސުލްޖުމްހީރިއްޔާ ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން އިމްތިޙާނުގެ މިމުއްދަތުގައި އެސް.އެސް ސީ އަދި އޯލެވެލްގައި ރާއްޖެއިން ބައިވެރިވި 8364 ދަރިވަރުންނަށްވެސް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވުމާއި ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާފަދަ ރަނގަޅު ނަތީޖާއެއް ޙާޞިލްކުރުމަށްވެސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
އިރާދަކުރެއްވިއްޔާ މިއިން ކޮންމެ ކުއްޖަކުވެސް މި އިމްތިޙާނުގައި ކާމިޔާބީ ހޯދާ، ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތެރި ދަރިއަކަށް ވާނެކަމަށް ޢުއްމީދު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ އޯލެވެލް އިމްތިހާނުތައް ފަށާއިފާވަނީ އާދީއްތަ ދުވަހުއެވެ. އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނު ހިމެނޭ ގޮތަށް 8،364 ދަރިވަރުން މި އަހަރުގެ އިމްތިހާނުގައި ބައިވެރިވެއެވެ. އާދިއްތަ ދުވަހާއި ހޯމަ ދުވަހު ކުރިއަށް ގެންދާނީ އިސްލާމް މާއްދާގެ އިމްތިހާނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ އިމްތިހާނުތައް ޖުމްލަ 260 ސެންޓަރުގައި ކުރިއަށް ދާނެއެވެ. އާދީއްތަދުވަހު އިމްތިޙާނު ފަށާފައިވަނީ ނިމިދިޔަ ދިރާސީ އަހަރު ގްރޭޑު 10 ގައި ކިޔެވި ދަރިވަރުންނަށެވެ.
މި މަހުގެ 7 ގައި ފެށި ދިރާސީ އާ އަހަރާ އެކު މިހާރު ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ކުދިންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/ މާޗުގައެވެ. އަދި 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައެވެ.
މިނިސްޓްރީން ނިންމާފައި ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯ ލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު/ ނޮވެމްބަރުގައި ކަމަށެވެ.

































