ސަރުކާރުގެ އެހީގެ ދަށުން ޤުރުއާން ހިތުދަސްކޮށްދިނުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ނުވަ ރަށެއް ކަނޑައަޅައިފި އެވެ.
ޤުރުއާން ހިތުދަސް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާފު، ހދ. ކުޅުދުއްފުށި، ގދ ތިނަދޫ، ސ. ހިތަދޫ އަދި ލ. ގަމެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ”މާތް ﷲ ހެޔޮ ރަޙުމަތްފުޅުން އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ“ ކަމަށެވެ.
މީގެ އިތުރުން، ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވާންދެން ހުއްޓިފައިވާ ރަށްތައް ފާހަގަކޮށް، އެ ތަންތަނުގައި ކިޔަވައިދޭން ފެށުމަށް ނިންމާފައިވާކަން ވެސް ވަޒީރު ވަނީ މިއަދު އިއުލާން ކުރައްވާފައެވެ. އެގޮތުން އެ ރަށްތަކުގައި ގުރުއާން އަލަށް ކިޔަވައިދިނުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގާރީ ކޯސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ޚަރަދުކޮށް ޤުރުއާން ޓީޗަރުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، ލ. އިސްދޫކަލައިދޫ، ހއ. އުތީމު، އަދި ދ. މީދޫ އެވެ.
”މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތަށް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެ،“ ވަޒީރު ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވައެވެ.
































