ކ. މާފުށީ ފިހާރައަކުން ވައްކަންކުރި މީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އާއްމުނުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް)އިން އިލްތިމާސްކޮށްފިއެވެ.
މިގޮތުން އެޗްއާރުސީއެމްއިން ”އެކްސް“ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވީޑިއޯއިން ފެންނަނީ ނާތަހުޒީބު އަދި ލާއިންސާނީ އަމަލެއް ކަމަށެވެ.
މާފުށީގައި 17 ބޮޑު ދަޅު ކޮފީ ވަގަށް ނެގި މީހާގެ ގަޔަށް ވަނީ ކުލަފާޓާއެއް އަޅާފައެވެ. އަދި މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ.
އެޗްއާަރްސީއެމްއިން އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައިވާގޮތުން މި މަންޒަރު ފެންނަ ވީޑިއޯ އާންމު ނުކުރުމަށާއި، އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަންވެސް ނުކޮށް އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެޗްއާރުސީއެމްއިންވަނީ އެދިފައެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާކަމުގައި އެޗްއާރުސީއެމްއިން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމްއިން ވަނީ އެފަދަ މައްސަލަތަކުގައި ޤާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްވެސްކޮށްފައެވެ.
އަދި އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްޤާއި އިންސާނީ ކަރާމާތަށް އަރައިނުގަނެ ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށްވެސް ގޮވާލާފައިވެއެވެ.
އެޗް އާރްސީއެމުން މިހެން ބުނެފައިވާއިރު މީގެ ކުރިންވެސް ވައްކަންކޮށްގެން މީހުންގެ ގަޔަށް ދަވާދު އަޅާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ވައްކަންކުރާ މީހުންނަށް ހަރުކަށި އަދަބު ނުލިބޭތީވެ އެކަމާއި އާއްމުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

































