އއ. ރަސްދޫގައި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ވެސް ނިޔާވެއްޖެއެވެ.
އުމުރުން 31 އަހަރުގެ އަލީ ޝާމިން ނިޔާވީ އޭނާއަށް އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް 14 އޭޕްރިލްގެ ރޭގަނޑުގެ ވަގުތެއްގައެވެ.
މާރޗްމަހުގެ 25 ވަނަ ދުވަހުގެރޭ ރަސްދޫގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދެމަފިރިންގެ ގައިގައި އަލިފާން ރޯވެ އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އެނދިއެވެ. އަދި އޭނާގެ ފިރިމީހާ ޢަލީ ޝާމިންގެ ހަށިގަނޑުގެ 78 އިންސައްތަ އެ ހާދިސާގައި އަނދާފައިވެއެވެ. އެ ދެމަފިރިންނަށް ފަރުވާ ދިނުމަށް ޓަކައި އިންޑިއާގެ މުމްބާއީ ހޮސްޕިޓަލުގައި މަސައްކަތްކުރާ، އެނދުމާއި، ޕްލާސްޓިކް ސާޖަރީއަށް ޚާއްސަ ޑޮކްޓަރެއް ވެސް ރާއްޖެގެނެސްފައިވެއެވެ.
ޝާމިންގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހި އޭނާއަށް ފަރުވާދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އައިސީޔޫގައި ފަރުވާދެވިފައިވެއެވެ. ޝާމިންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަނަމަވެސް، ކޮންމެވެސް ވަރަކަށް ހާލަތު ރަނގަޅުވުމުން، އިތުރު ފަރުވާއަށް އޭނާ ވަނީ އިންޑިއާއަށް ގެންގޮސްފައެވެ. އަދި އިންޑިއާގައި އޮޕަރޭޝަންތަކެއް ވެސް ކުރިކަމަށްވެއެވެ. ނަމަވެސް އޭނާގެ ހާލަތަށް ކުރިއެރުމެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާގައި ފިހުނު ޝާމިންގެ އަންހެނުން އައިޝަތު ރިފްގާ، ނިޔާވީ އައިޖީއެމްއެޗްގައި ވެންޓިލޭޓާރުގައި ފަރުވާދެމުންދަނިކޮށް 31 މާރޗް ގައެވެ.
މި ހާދިސާ ހިނގި ގޮތާމެދު ގިނަބަޔަކު ސުވާލު އުފައްދަމުންދާއިރު، އެ ހާދިސާއަކީ އެ ދެމީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ސަަބަބުން ހިނގި ހާދިސާއެއްކަމަށް އަޑުފެތުރިފައިވެސް ވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާގައި އެ ދެމަފިރިންގެ ފަސް އަހަރުގެ ދަރިއެއްހުރެއެވެ.
މިހާދިސާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

































