މިއަދާ މާދަމާ ވެސް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. މެޓްއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ހޮނިހިރު ދުވަހު އުތުރާއި މެދު ރާއްޖެ ތެރެއަށް ވިއްސާރަކުރާނެ ކަމަށާއި ދެކުނަށް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިއަދު10.00 އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭއިރު، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މިދުވަސްކޮޅަކީ ރާއްޖެއަށް ވިއްސާރަ ދުވަސްކޮޅެއް ކަމުން މެޓް އޮފީހުން އަންނަނީ ކޮންމެ ދުވަހަކު ގޮތަކަށް ރާއްޖޭގެ އެކި ހިސާބުތަކަށް ހުދު ސަމާލު ނެރެމުންނެވެ.
ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

































