ފިތުރު އީދާ ގުޅުވައިގެން ދިވެހިބަހާއި ތަރިކައިގެ މިނިސްޓްރީން މާލޭގެ މަގުމަތީގައި ބޭއްވި ”ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރު“ ތަމްސީލު ގެނެސްދިނީ އޭގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށާއި ދީނާ ފުށުއަރާ ގޮތަށް ކުރީ ޒަމާނުގައި ކުރި ބައެއް ކަންތައް ތަމްސީލުން އުނިކުރެވިފައިވާ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ”ހިއްޗަށް ވަޑައިގަތުމުގެ“ ހަރަކާތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ކިޔާފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، އިސްލާމްދީނާ ފުށުއަރާ ބައެއް ކަންކަން މި ހަރަކާތުން އުނިކޮށްފައިވާ ކަމަށެވެ. މިގޮތުން ޒިޔާރަތްދޮށަށް ދިއުންފަދަ ބިދުޢަތަށް އުނިކޮށްފައިވަނީ ޤަސްތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ހަރަކާތުގައި ބައިވެރިވި ފަރާތްތަށް ހުސްގަޔާ ނުބޭއްތިއްބުމަށް ނިންމެވީވެސް ޤަސްތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ނަޞީރު އިތުރަށް ވިދާޅުވިގޮތުގައި، މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ ވުޒާރާއިން އެކުލަވާލި ޚާއްޞަ ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނެނީ ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތު ދުށް މީހުންނާއި ތާރީޚު ޢިލްމުވެރިންނެވެ.
ޒިޔާރަތަށް ދިއުމާއި ހިތިގެ ހެދުން ފަދަ ދީނާ ޚިލާފު ކަންކަން މި ހަރަކާތުން އުނިކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު ކުރިއަށް އޮތްތަނުގައި ވެސް ތާރީޚީ ހަރަކާތްތައް ހުށައަޅައިދޭއިރު، ދީނީ ހަމަތަކާއި އުޞޫލުތަކުން ބޭރުނުވާނެކަން ކަށަވަރުކުރައްވާނެ ކަމަށް އާދަމް ނަސީރު ވަނީ ވިދާޅުވެފައެވެ.
ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތަކީ ދިވެހި ރަސްރަސްކަލުން ރޯދަމަހުގެ ތެރޭގައި ބާއްވަވާފައިވާ ހައިބަވަންތަ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތު އަލުން ދިރުވުމަކީ ދިވެހި ސަގާފަތާއި ތަރިކަ ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

































