މި އަހަރުގެ ފިތުރު ޢީދުދުވަހަށް އަންނަ އާދީއްތަ ދުވަސް ވާނޭކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް ވިދާޅުވެފައިވަނިކޮށް މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ ހޯމަ ދުވަސްކަމަށް ޤައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ހަމީދު ވިދާޅުވެއްޖެއެވެ.
އަންނަ އާދިއްތަ ދުވަހަކީ ފިތުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ މާރޗް 25 ވަނަ ދުވަހުއެވެ.
ރައީސް މައުމޫންގެ ލިޔުއްވުމެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާ އާއި، މިސްރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނުއޮއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަަމަށެވެ.
އެމަނިކުފާނުގެ ލިޔުއްވުމުގައި ރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައި ކަމަށާއި ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައި ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތް ނަމަވެސް ގިނަ އިސްލާމީ ޤައުމުތަކަށް އެ ދުވަހަކީ ޝައްވާލު މަހުގެ 1ވަނަ ދުވަސް ކަމަށް ވާނެތީ، އާދިއްތަ ދުވަހަކީ ރާއްޖެއަށް ވެސް ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެންނަކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އެހެން ވިދާޅުވެފައިވަނީ، ހަނދު ސާބިތު ކުރުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ ހަމަތަކުގެ އަލީގައި ކަން ފާހަގަކުރައްވާފައިވެއެވެ.
މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު ޑރ. ހަސަން ހަމީދު ވަނީ، މި އަހަރުގެ ފިތުރު ޢީދުގެ ހަނދު ރާއްޖެއަށް ފެންނާނެ ދުވަސް އޭނާގެ ބްލޮގުގައި ލިޔުއްވާފައެވެ.
މިގޮތުން ޑރ. ހަސަން ހަމީދު ވިދާޅުވެފައިވާގޮތުގައި ފިތުރު ޢީދުގެ ހަނދު ފެންނަ ދުވަސް ބެލުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެ ހަނދު އުފަންވާ ވަގުތު ބެލުމެވެ. އެގޮތުން ފޮތްފޮތުންނާއި އިންޓަނެޓުން އެ މަޢުލޫމާތު ބެލެން އޮތްއިރު، އެ މަޢުލޫމާތުން ދައްކާ ގޮތުގައި، އަންނަ ހޮނިހިރު ދުވަހު އައު ހަނދު އުފަންވަނީ މާލޭގަޑިން ހަވީރު 3:57 ގައި ކަމަށް ޑރ. ހަސަން ހަމީދު ވިދާޅުވިއެވެ. . އަދި ހަނދު އޮއްސޭ ގަޑިއަކީ ހަވީރު 6:14 ކަމަށާއި އެ ދުވަހު އިރު އޮއްސެނީ ވެސް 6:14 ގައި ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.
ޑރ. ހަސަން ވިދާޅުވީ، އެއީ ހަނދު އޮއްސޭ ގަޑިއާއި އިރު އޮއްސޭ ގަޑި ދިމާވާ ހާލަތެއް ކަމަށާއި އެ ހާލަތުގައި އިރުގެ ދަޅަޔާ ހެދި ހަނދެއް ނުފެންނާނެ ކަމަށެވެ. އެ ދުވަހު ހަނދު ނުފެންނާނެ ކަމަށް ބެލެވޭ އިތުރު ސަބަބުތަކެއް ވެސް ޑރ. ހަސަންގެ ބްލޮގްގައި ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، އެ ހިސާބުތަކަށް ބަލާއިރު، މައްކާއަށް ހަނދު އުފަންވުމާއި އޮއްސުމާ ދެމެދު ވާނީ ގާތްގަޑަކަށް ހަތަރު ގަޑިއިރު ކަމަށާއި އެހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
އެހެންވެ، މާރިޗް 30ވަނަ ދުވަސް ޢީދަކަށް ނުވާނެ ކަމަށާއި ފިތުރު ޢީދު ދުވަހަކަށް ވާނީ 31ވާ ހޯމަ ދުވަސް ކަމަށް ޑރ. ހަސަން ވިދާޅުވެފައިވެއެވެ. ޑރ. ހަސަން މިހެން ވިދާޅުވެފައިވަނީ 27 މާރޗްގައި ކަމަށްވާއިރު އަންނަ އާދިއްތަ ދުވަހަކީ ފިތުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ މާރޗް 25 ވަނަ ދުވަހުކަން ފާހަގަކުރެވެއެވެ. ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދު ދުވަހަކީ 31 މާރޗް ވާ ހޯމަދުވަހެވެ.
ރައީސް މައުމޫންއަކީ ފަލަކީ ޢިލްމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ބަހައްޓަވާ ބޭފުޅެއްކަން ފާހަގަކުރެވޭއިރު އެމަނިކުފާނަކީ އެ ދާއިރާގެ ބޮޑު ޢިލްމުވެރިއެއް ވެސްމެއެވެ, ފަލަކީ ޢިލްމާ ގުޅޭ މުހިއްމު ކަންކަން މީގެ ކުރިންވެސް އެމަނިކުފާނު ހިއްސާ ކުރައްވައެވެ.

































