ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރެއިން ހއ، ހދ، ށ، ނ، ރ އަދި ދ އަތޮޅުގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އެ ރަަށްރަށުގެ ކައުންސިލްތަކަށް ދެންނެވިފައިވާނޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާލުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓްގައިވަނީ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ކުރި އިޢުލާނުގައި އުތީމު އުޅެނީ ވަރަށް ކުރީގައިކަން ފާހަގަކުރައްވާފައެވެ. އަދި ހއ.އުތީމު ކައުންސިލްގެ އައު އިމާރާތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާންވެސް ވަނީ އެމަނިކުފާނުގެ ޕޯސްޓްގައި ހިއްސާކުރައްވާފައެވެ.
މިގޮތުން ދިވެހި ސަރުކާރުގެ ގެޒެޓްގައި 25 މާރޗްގައި ޝާއިރުކޮށްފައިވާ އިޢުލާނުގައިވާގޮތުން ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2025 އޭޕްރިލް 01 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން info@utheem.gov.mv އަށް އީމެއިލް ކުރުމަށްވަނީ އެދިފައެވެ.
ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނޭކަމަށް އިޢުލާނުގައި ވެއެވެ. އަދި ބިޑު ރަޖިސްޓްރީކުރާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނޭކަމަށާއި އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުމަށްވަނީ އެދިފައެވެ.
ބިޑް ހުށަހެޅުން އޮންނާނީ 2025 އޭޕްރިލް 15 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ.
މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500038 ނަންބަރު ފޯނަށް ގުޅުއްވުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

































