އަންނަ އާދިއްތަ ދުވަހަކީ ފިތުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ލިޔުއްވުމެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާ އާއި، މިސްރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނުއޮއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަަމަށެވެ.
އެމަނިކުފާނުގެ ލިޔުއްވުމުގައި ރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައި ކަމަށާއި ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައި ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތް ނަމަވެސް ގިނަ އިސްލާމީ ޤައުމުތަކަށް އެ ދުވަހަކީ ޝައްވާލު މަހުގެ 1ވަނަ ދުވަސް ކަމަށް ވާނެތީ، އާދިއްތަ ދުވަހަކީ ރާއްޖެއަށް ވެސް ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެންނަކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އެހެން ވިދާޅުވެފައިވަނީ، ހަނދު ސާބިތު ކުރުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ ހަމަތަކުގެ އަލީގައި ކަން ފާހަގަކުރައްވާފައިވެއެވެ.

































